ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް އިންޓަ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ސެކްރެޓަރީ ޖެނެރަލް އެންޑާސް ބީ ޖޯންސަން ގޮވައިލައްވައިފި އެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އިއްޔެ ރޭގެ ވަގުތެއްގައި ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލި ހާދިސާ ކުށްވެރިކޮށް އައިޕީޔޫއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަފްރާޝީމަށް ދީފައިވާ ހަމަލާއަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކަށް ފަހު މިއަހަރުގެ ތެރޭގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ. އަދި ހަމަނުޖެހުންތައް ހުއްޓާލައި ޕާޓީތައް ހަމަޖެހުމަށް އައިޕީޔޫން ވަނީ ގޮވާލައިފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުންނަށް މަރުގެ އެކި އިންޒާރުތައް ސޯޝަލް ނެޓްވޯކްތަކުގައި ދެމުން ގެންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ބުނެ އައިޕީޔޫގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ގޯނާތައް ކުރަމުންދާތީ އެ މެންބަރުން ވަނީ އައިޕީޔޫގެ ހިއުމަންރައިޓްސް ޑިޕާޓްމަންޓްގައި ރަޖިސްޓްރީކޮށްފައި ކަމަށާއި އައިޕީޔޫއިން އެ މެންބަރުންގެ ސަލަމާތާއި ރައްކާތެރިކަން ވަރަށް ކައިރިން ބަލަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޕީޔޫ އިން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ބިލް ވީހާ ވެސް އަވަހަކަށް ފާސްކުރުމަށް ވެސް އައިޕީޔޫން ވަނީ ގޮވައިލައިފަ އެވެ. އެ ބިލް ފާސްވެގެން ދިއުމާ އެކު މަޖިލީހުގެ މެންބަރުންނަށް މަސްއޫލިއްޔަތު އަދާކުރުމުގައި އިތުރު ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ކަމަށް ވެސް އެެބަޔާން ބުނެ އެވެ.