03 Oct 2012, 11:13
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށްދިން ފަދަ ހަމަލާއަކުން ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކަށް ބަދަލެއް އައިސްގެންނުވާނެ ކަމަށާއި މެންބަރުންގެ އަޒުމަށްވެސް ބަދަލު އައިސްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ޑރ.އަފްރާޝީމް އަލީގެ ޒިކުރާ އާކުރުމަށް މެންބަރުންނަށް ފުރުސަތު ހުޅުވާލައްވަމުން ޝާހިދު ވިދާޅުވީ، ޑރ.އަފްރާޝީމްގެ ޒިކްރާ އާކުރުމަކީ އަޒުމަށް ބަދަލެއްނައިސް މެންބަރުން މަޖިލީހުގައި ކުރަން ހުރި މަސައްކަތްތައް އަވަސްކޮށް ހަލުވިކޮށް ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަމުން ގެންދިއުންކަމަށެވެ.
"އެފަދަ އަމަލުތަކުން އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތަށް ބަދަލެއް އައިސްގެންނުވާނެ އަޅުގަނޑުމެންގެ އަޒުމަށް ގުޑުމެއް އައިސްގެންނުވާނެ. އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީގެ ޒިކްރާ އާކުރުން ވެގެން ދާނީ އަޒުމަށް ބަދަލެއްނައިސް ކުރަން ހުރި މަސައްކަތްތައް އަވަސްކޮށް، ހަލުވިކޮށް ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރަމުން ގެންދިއުން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑރ. އަފްރާޝީމް އަކީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މިދިޔަ ދުވަސްތަކުގައި ގިނަ ކޮމިޓީތަކެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
" އެގޮތުން ޕެޓިޝަން ކޮމިޓީގައި، އިމްތިޔާޒު ކޮމިޓީގައި، ސުލޫކު ކޮމިޓީގައި، ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި، އިޖްތިމާއީ ކޮމިޓީގަ އާއި ގަވާއިދު ކޮމިޓީގައި ތަފާތު މަސައްކަތްތަކެއް ވަނީ ކުރައްވައިފަ. އޭގެ އިތުރުން މަޖިލީހުގެ ވަގުތީ ހަތަރު ކޮމިޓީއެއްގައި ވަނީ މަސައްކަތް ކުރައްވައިފަ. އޭގެ ތެރޭގައި ޣައިރު ދީންތަގެ އަޅުކަން ކުރާތަންތަން ރާއްޖޭގައި ގާއިމް ކުރުން މަނާޚުމުގެ ބިލު ދިރާސާކުރާ ކޮމިޓީ އާއި މުގައްރިރު ކަން. ގާނޫނުލް އުގޫބާތުގެ ބިލު ދިރާސާކުރާ ކޮމިޓީ އާއި ގައުމީ ޔުނިވާސިޓީގެ ބިލު ދިރާސާކުރާ ކޮމިޓީ. ތަރުޖަމާ ކުރުމުގެ ހަމަތައް ބަޔާންކުރާ ކޮމިޓީގެ މެންބަރެއް. މީގެ އިތުރުން ޕެޓިޝަން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާފައިވޭ. ޖުޑިޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން އައްޔަން ކުރެއްވި މެންބަރުގެ ގޮތުގައިވެސް ވަނީ މަސައްކަތް ކުރައްވައިފަ،" ޝާޙިދު ވިދާޅުވި އެވެ.
އަފްރާޝީމް ނެތުމުން ގައުމަށް ގެއްލުނީ އިލްމީ ބޭފުޅެއް، އެކުވެރިއެއް، އަދި އުސްތާޒެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ އިލްމީބޭފުޅެއް، އެކުވެރިއެއް، އަޅުގަނޑުމެން އެންމެނާ ރައްޓެހިކަން ބާއްވަވާ ގާތްކަން ބާއްވަވާ އެކުވެރިއެއް. ރާއްޖެއަށް ގެއްލިގެން އެދިޔައީ އުސްތާޒެއް. އެމަނިކުފާނުގެ އިލްމީ ދަންމަރުން އެތައް ބަޔަކަށް އެކަމުގެ ފައިދާ ކުރަމުންދިޔަ،" ޝާހިދު ވިދާޅުވި އެވެ. "މިހިތާމަވެރި ދަނޑިވަޅުގައި މަޖިލީހުގެ ހުރިހާ މެންބަރުންނެގ ނަންފުޅުގައި އަނބިކަނބަލުން ގުރެއިޝާ މުހައްމަދާއި، އައްޔޫބު އަފްރާޝީމާއި، ރުމައިޝާ އަފްރާޝީމާއި، އައްޔާޝް އަދި ލޮބުނެތި ބައްޕަ އަލީ ޒާފިރާއި، މަންމަ ސިއްތި އަހްމަދާއި، އާއިލާގެ ހުރިހާ ބޭފުޅުންނާއި، އެކުވެރިންނާއި، ރައްޓެހިންނާއި ހެޔޮއެދޭ އެންމެންނަށް، މި ފިނޑި އަމަލު ކުށްވެރިކޮށް ތައުޒިޔާ ދަންނަވަން،"
އަފްރާޝީމް އަވަހާރަކޮށްލުން ރައީސުލްޖުމްހޫރިޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ބޭރުގެ ހައިކޮމިޝަން ތަކުންނާއި ޖަމްއިއްޔާތަކުން ނާއި މިނިވަން މުއައްސަސާތަކުން އެ އަމަލުކުއްވެރި ކުރުމަކީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި ރަހުމްކުޑަ ހަމަލާ ޝާހިދު ސިފަ ކުރެއްވީ މުޅި މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށާއި ޑިމޮކްރަސީއަށްދިން ހަމަލާއެއްގެ ގޮތުގައި އެވެ.