ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ރައްޔިތުން މަޖިލީހުގައި މިއަދު ހުޅުވަނީ އެވެ.

ރައްޔިތުން މަޖިލީހުން ބުނީ ޑރ. އަފްރާޝީމްގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން 6:00 އަށް މަޖިލީހުގެ އިދާރާގައި އާންމުކޮށް ހުޅުވާފައި އޮންނާނެ ކަމަށެވެ.

އެ ތައުޒިޔާގެ ދަފްތަރު އާންމުންނަށް ވެސް ހުޅުވިފައި އޮންނާނެ ކަމަށް ވެސް ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަރުހޫމްގެ މައްޗަށް ހެޔޮ ދުޢާ ކުރުމަށް ވަގުތު ކޮޅެއް ހޭދަކުރުމަށް ވެސް ރައްޔިތުން މަޖިލީހުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޑރ. އަފްރާޝީމްގެ ޒިކްރާ އާ ކުރުން ވެސް މިއަދުގެ ޖަލްސާގައި އޮންނާނެ އެވެ.