03 Oct 2012, 09:33
ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، މިއަދު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ޓޫރިސްޓަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރޭ ދަންވަރު 12:00 ގެ ފަހުން އެންމެ ފުރަތަމަ ރާއްޖެ އައި ފަތުރުވެރިއަކީ ހޮންކޮންގެ، ސިންގް ކޯކް އެވެ. ކޯކް އޭނާގެ އާއިލާއާ އެކު ރާއްޖެ އައީ ރޭ ދަންވަރު 1:00 ޖަހާކަންހާއިރު އެވެ. ކޯކް އާއި އޭނާގެ އަންހެނުން އަދި ދެ ދަރިންނަށް އެއާޕޯޓަށް ވަނުމާ އެކު އެ އާއިލާއަށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ އިތުރުން އިކޮނޮމިކް މިނިސްޓާ އަހުމަދު މުހައްމަދާއި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނެވެ.
ސަންގްރިލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އައި ކޯކް އާއި އޭނާގެ އާއިލާ އެއާޕޯޓަށް ފޭބުމުން ޓޫރިޒަމް މިނިސްޓާ އަދީބް ވަނީ ރަމްޒީ ފިލައަކާ އެކު ކުޑަ ދޯންޏެއްވެސް އާއިލާއަށް ހަދިޔާކުރައްވައިފަ އެވެ.
އުފަލުން ހުރެ ވައި ސިންގް ކޯކް އޭނާގެ ތަރުޖަމާނުގެ އެހީގައި ބުނީ އޭނާއަށް އެ ޝަރަފްލިބުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި އަދި ވަރަށް އުފާވާ ކަމަށެވެ. އަދި ބުނީ މިއީ އޭނާ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށާއި އެންމެ ކުޑައިރުންސުރެވެސް ރާއްޖެއައުމަށް އުންމީދު ކުރި ކަމަށެވެ.
އެއާޕޯޓުގައި ހުންނަވައި މީޑިއާޔާ ވާހަކަފުޅު ދައްކަވަމުން މިނިސްޓާ، ކޯކްގެ އާއިލާއަށް ލިބުނު ޝަރަފުގައި ބައިވެރިވުމުގެ ގޮތުން އެ އާއިލާއަށް ރާއްޖޭގައި ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތުދޭނެ ކަމަށެވެ. ޓޫރިޒަމަށް 40 ފުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތައް އަންނަ އަހަރުގެ ސެޕްޓެމްބަރުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން އިންޑަސްޓްރީން ބާއްވާ ފާހަގަކުރުންތައް 40 އަހަރުގެ ނަމުގައި ފާހަގަ ކުރުމާއި އަދި ހަމައެހެންމެ އަޅުގަނޑުމެންވެސް އެކި އިވެންޓްތަށް ރާއްވަމުން ގެންދަން އޭގައި އިންޑަސްޓްރީގެ ބޭފުޅުން އެޕްރިޝިއޭޓް ކުރުމާއި އެވޯޑް ދިނުމާއެކު، އެހެންވީމާ އަޅުގަނޑުމެން މިފެއްޓީ ފުރަތަމަ އައި ޓުއަރިސްޓުން" މިނިސްޓާ ވިދާޅުވި އެވެ.
ސާޅިސް އަހަރު ފުރުނު ފަހުން ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިއަދަކީ ރާއްޖޭގައި ރިސޯޓެއް ހުޅުވިތާ 40 އަހަރު ފުރޭ މުނާސަބު ކަމަށްވާތީ އެ މުނާސަބާ ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ފާހަގަކުރުމަށް ވަނީ ނިންމައިފަ އެވެ.
އެގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމާއި ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ޕާސްޕޯޓްގައި ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުނުކަން ދައްކުވައިދޭ އެންޓްރީ ތައްގަނޑެއް ޖެހުމަށް ވަނީ ނިންމައިފަ އެވެ. އަދި ދާރުލް އާސާރުގައި ދިވެހި ތަރިކައާއި ސަގާފަތާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމާއި ރާއްޖޭގެ ފަރުތަކުގެ ރީތިކަމާ މެދު މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައްކެއްވެސް ހިންގާނެ އެވެ.
ޓުއަރިޒަމް ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތެވެ. ޓޫރިޒަމް ރާއްޖެއަށް ތައާރަފްވީ 1972 ވަނަ އަހަރު އޮކްޓޫބަރު މަހު ކ. ވިހަމަނާފުށީގައި ހުޅުވުނު ރިސޯޓާ އެކު އެވެ. އެއީ މިހާރުގެ ކުރުބާ މޯލްޑިވްސް އެވެ.