03 Oct 2012, 09:29
ބްރަސަލްސް (އޮކްޓޯބަރ 3): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންނާ ދެކޮޅަށް ތާލިބާނުން އެންމެ ފަހުން ގެންގުޅެންފެށި "އެތެރޭން ނޭޓޯ ސިފައިން މެރުމުގެ ސްޓްރެޓެޖީ"ގެ ސަބަބުން ނޭޓޯ ސިފައިންގެ ހިއްވަރާއި މަޢްނަވީ ބާރު މުޅިން ގެއްލި ނޭޓޯ ސިފައިން ނަފްސާނީ ގޮތުން ބަލިކަށިވެއްޖެ ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ފުރަތަމަ ފަހަރަށް އެއްބަސްވެ ވަޑައިގެންފި އެވެ.
ލަންޑަންގައި ނުކުންނަ ގާޑިޔަން ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރަސްމޯސަން ވިދާޅުވީ ތާލިބާނުންގެ "އެތެރޭން ނޭޓޯ ސިފައިން މެރުމުގެ ސްޓްރެޓެޖީ" ގެދަށުން ނޭޓޯ ސިފައިންނަށް ބަޑިން ޙަމަލާދީ އެ މީހުން މަރަމުން ގެންދަނީ އަފްޣާން ސިފައިންގެ މީހުން ލައްވައި ކަމަށާއި މިކަން ތަންފީޒުކުރަން ބޭނުންވާ ތާލިބާނުންގެ އެޖެންޓުން އަފްޣާން ސިފައިންގެ ތެރެއަށާއި ފުލުހުން ފަދަ އަފްޣާން ސަލާމަތީ ބާރުތަކުގެ ތެރެއަށް ވެއްދުމުގައި ތާލިބާނުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމުގަ އެވެ.
ތާލިބާނުންގެ މިސްޓްރެޓެޖީގެ ދަށުން އަފްޣާން ސިފައިންގެ ބައެއް މީހުން ގެންދަނީ އެމީހުންނާ އެކީގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ބަޑިން ޙަމަލާދީ އެމެރިކާ ސިފައިން މަރަމުންނެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ވެސް އަފްޣާން ސިފައިންގެ ބަޑީގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 52 މީހުން މަރާލާފައިވާ އިރު އަފްޣާން ސިފައިންނަށް އެމެރިކާ އާއި ނޭޓޯގެ އެހެން ޤައުމުތަކުގެ ސިފައިން ކުރިންކުރި އިތުބާރު މިހާރު ގެއްލި އެމެރިކާ ސިފައިންނާއި ނޭޓޯގެ އެހެން ސިފައިން ގެންދަނީ އަފްޣާން ސިފައިންނާ ގާތްވުމަށާއި އެ މީހުންނާ މުޢާމަލާތް ކުރުމަށް ބިރުގަނެ އެކަމަށް ދެކޮޅު ހަދަމުންކަމަށް ރަސްމޯސަން ވިދާޅުވި އެވެ. ނަތީޖާއަކީ އެމެރިކާ ސިފައިންގެ ހިއްވަރު އެލިއަފްޣާނިސްތާނުގައި އެމެރިކާ ތަންފީޒުކުރަން ރާވާފައިވާ ޢަސްކަރީ ސިޔާސަތުތަކަށް ބުރޫ އެރުންކަމަށް ޕެންޓަގަންއިން ވެސް ވަނީ ބުނެފަ އެވެ.
މިމައްސަލަ ޙައްލުކުރުމަށް ޓަކައި އެމެރިކާ ގެންދަނީ އަފްޣާން ސިފައިންގެ ތެރެއަށް އަލަށްވައްދާ މީހުންނަކީ ތާލިބާނުންނާ ގުޅުންހުރި ބައެއްތޯ ބަލައި އިތުރަށް ޗެކްކުރުމަށް އަފްޣާން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ނަމަވެސް މިމައްސަލާގައި އެމެރިކާ ސިފައިން ނަފްސާނީ ގޮތުން ބަލިކަށިވެފައި ވާތީ މިއީ ފަސޭހައިން ޙައްލުކުރެވޭނެ މައްސަލައެއްނޫން ކަމަށް ރަސްމޯސަން ވިދާޅުވި އެވެ. "ގާޑިޔަން" އަށް ދެއްވި ބަސްދީގަތުމުގައި ރަސްމޯސަން ވިދާޅުވީ ނޭޓޯ ސިފައިންގެ ހިއްވަރާއި މަޢްނަވީ ބާރު ފުނޑުފުނޑުކޮށްލުމުގައި ތާލިބާނުން ކާމިޔާބު ހޯދައިފިކަމަށާއި ނޭޓޯ އިން މިހާރު މަސައްކަތްކުރަމުން ގެންދަނީ ކުރިން ރާވާފައިވާ ވަރަށްވުރެ ވެސް އަވަހަށް އަފްޣާނިސްތާނުން ފޭބުމަށް ކަމުގަ އެވެ. (ނޫސްއެޖެންސީތައް)