03 Oct 2012, 09:26
އަންކަރާ (އޮކްޓޯބަރ 3): ސޫރިޔާގެ ދާޚިލީ މައްސަލަ ޙައްލުކުރުމަށް ޓަކައި ރައީސް ބައްޝާރުލްއަސަދް ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އެ ޤައުމުގެ އިދިކޮޅު ލީޑަރު ޢަބްދުލްބާސިތް ސީދާ ވިދާޅުވެއްޖެ އެވެ.
އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ސީދާ ވިދާޅުވީ 18 މަސްވީ ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ގެނެވެން އޮތީ ބަޢްޝާރު ވެރިކަމުން ފައިބައިގެން ކަމަށާއި އޭނާ ވެރިކަމުގައި ހުންނަވައިގެން ސޫރިޔާގެ މައްސަލައިގެ ކޮޅެއްކުރިއެއް ފެންނަން ނެތްކަމުގަ އެވެ. ސީދާ މިމޭރުމުން ވާހަކަ ދެއްކެވީ ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަޤްރީރުގައި ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރައްވާ އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންނަކީ ބޭރު ޤައުމުތަކުން ހަތިޔާރާއި މަދަދުލިބޭ ޓެރަރިސްޓުން ކަމަށް ވިދާޅުވެ ސޫރިޔާގެ މައްސަލައަށް ޙައްލެއްގެނެވޭނީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ބޭރު ޤައުމުތަކުންދޭ ހަތިޔާރާއި ފައިސާގެ އެހީ ހުއްޓާލައިގެން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރު ވަނީ ރައީސް ބައްޝާރުލްއަސަދް ވެރިކަމުން ފޭބުމަށް ގޮވާލެވޭ ގޮވާލުންތަކަށް ދެކޮޅު ހައްދަވާފަ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ފައިސާ އާއި ތަމްރީން ދޭބޭރު ޤައުމުތަކުގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުގެ އިތުރުން ޤަތަރާއި ތުރުކީއާއި ސަޢޫދީ އަރަބިޔާ ހިމެނޭކަމަށް ވެސް ސޫރިޔާގެ ޚާރިޖީ ވަޒީރު ތުހުމަތު ކުރައްވާފައިވެ އެވެ. މިވާހަކަތަކަށް ރައްދު ދެއްވަމުން ސޫރިޔާގެ އިދިކޮޅު ލީޑަރު ޢަބްދުލްބާސިތް ސީދާ ވަނީ ބައްޝާރުގެ ނިޒާމުން ސުލްހައިގެ ވާހަކަ ދައްކާ އިރު ސޫރިޔާގެ ޢާންމުން ކަތިލަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ސޫރިޔާގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ވެސް 143 މީހަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒިރާ)