02 Oct 2012, 18:32
ދިވެހި ރާއްޖޭގައި ޚިޔާލު ތަފާތުވުން ތަށް ގިނަވެ ދެބަސްވާން ޖެހޭ ހާލަތް ތަކުގައިވެސް އެކަކު އަނެކަކުގެ ލޭ ހުއްދަކުރާ ހިސާބަށް ކަންތައް ގޮސްގެންނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަބުދުލް މަޖީދު އަބަދުލް ބާރީ މިއަދު ވިދާޅު ވެއްޖެ އެވެ.
އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޑރ.އަފްރާޝީމް އަލީ ރޭ ވަރަށް އަނިޔާވެރި ގޮތަކަށް ޝަހީދު ކޮށްލުމާ ގުޅިގެން އެކަމާ ގުޅޭގޮތުން "ސަން އޮންލައިން" އާ ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ ދެބަސްވެ ޚިޔާލު ތަފާތުވާ ނުވަތަ ރުޅިއަންނަ ކޮންމެ ފަހަރަކު އެމީހެއްގެ ފުރާނަ ދުއްވާލުމަކީ މައްސަލާގެ ހައްލު ކަމުގައި ދެކިގެން އުޅެންވެއްޖެ ނަމަ އެފަދަ އަމަލުތަށް ހިންގާ މީހުންނަށްވެސް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށެވެ.
"މީހަކާއި މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އެމީހެއްގެ ގަޔަށް އަތްލާ ލޭ އޮހޮރުވާ ލުމަކީ އެކަމެއްގައި އޮތް ހައްލެއްނޫން" މަޖީދު ވިދާޅު ވިއެވެ.
އަފްރާޝީމް ދައްކަވާ ދީނީ ބައެއް ވާހަކަފުޅު ތަކާ ގުޅިގެން ފާޑުކިއުންތަށް އަމާޒުކޮށް ބައެއް ފަރާތް ތަކުން ނުރުހުން ފާޅުކުރި ނަމަވެސް އެ މަނިކުފާނަކީ އިލްމު އުނގެނިވަޑައިގެން ހުންނެވި އިލްމީ ބޭފުޅެއް ކަމަށާއި، އެފަދަ އިލްމީ ބޭފުޅުން ދައްކަވާ ވާހަކަ ތަކާ މެދު ނުރުހޭ މީހުން އެ މައްސަލަ އެއް ހައްލު ކުރާނީ މަޝްވަރާ ކުރުމުގެ މަތިވެރި އުސޫލުން ކަމަށް ވެސް މަޖީދު ވިދާޅު ވިއެވެ. އަދި ރަސޫލު ޒަމާނުގައިވެސް ކަން ކުރިގޮތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ހިތާމައާ އެކު މި ދަންނަވަނީ މިހާރު އުޅޭ ބައެއް ކުދިން މީހަކު ދައްކާ ވާހަކަ އަކުން ކުއްލި އަކަށް އެ އަންނަ ޖޯޝެއްގެ ނިކުމެ ގަޔަށް އަތްލާ އެމީހެއްގެ ލޭ އޮހޮރުވާލާ ހިސާބަށް އެބަދޭ،" މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ އިސްލާމީ ޝަރީއަތް ގާއިމް ކުރާ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކާ ކަމަށާއި، އިސްލާމީ ޝަރީއަތަކީ ހަމައެކަނި ހައްދުތައް ގާއިމް ކުރުން ނޫން ކަމަށެވެ. މުޖުތަމައުގައި ކުށް ގިނަވާން ޖެހޭ ސަބަބުތަކުގެ ތެރޭގައި ތަރުބިއްޔަތު ކުރުމުގައިވެސް ވަރަށް ބޮޑެތި މައްސަލަ ތައް އެބަހުރި ކަމަށް ވިދާޅު ވިއެވެ.
"އިސްލާމީ ޝަރީއަތަކީ ހަމައެކަނި ހައްދުތަށް ގާއިމު ކުރުމެއްނޫން. އޭގެ ސަބަބުތައް ވެސް ހޯދާ ބަލަން އެބަޖެހޭ،" މަޖީދު ވިދާޅު ވިއެވެ.
އަދި ވިދާޅުވީ ދީނީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ހައްދު ފަހަނައަޅާ ދިއުމުގެ ފިކުރުތައް ވެސް މިހާރު އެބަ ގެންގުޅޭ ކަމަށާއި، މީހަކާ ދޭތެރޭގަ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އެމީހާ ދީނުން ބޭރުކުރާ ހިސާބައްވެސް ގައުމުގެ ކަންތައް ގޮސްވައިވާ ކަމަށެވެ.
މީގެ އަހަރު ތަކެއް ކުރިން އަފްރާޝީމް ހުކުރުން ފައިބައިވަޑައިގަތް ވަގުތު އެމަނިކުފާނަށާއި ދަރިފުޅަށް ވަނީ ބަޔަކު ހަމަލަ ދޭން މަސައްކަތް ކޮށްފަ އެވެ. އަދި އޭގެ ފަހުންވެސް ދެ ފަހަރެއްގެ މަތިންވެސް އޭނާއަށް ހަމަލަދޭން ބަޔަކު މަސައްކަތް ކުރި އެވެ.