02 Oct 2012, 18:28
ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އެމްޑީޕީގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަށް ނެސޭހަތްތެރިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް ނަސީހަތްތެރިވެފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ކުރީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ނިންމުމާ ގުޅިގެން ކޯޓުތަކުގެ ނިންމުންތައް ބަލައި ނުގަތުމަށް ކަނޑައަޅައި އެމްޑީޕީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ގަރާރެއް ނެރުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީ ހިންގުމުގައި ގާނޫނު އަސާސީ އާއި އެންމެހާ ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން އަދި ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް އެ ޕާޓީ އެންމެހައި ކަންކަން ހިންގުމަށް އެމްޑީޕީ އަށް ނަސޭހަތްތެރިވާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން 27 ސެޕްޓެމްބަރު 2012ގައި ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންގެ ގިނަ ބައެއްގެ މައްޗަށާއި ރައްޔިތުން އިންތިހާބުކޮށްފައިވާ ސިޔާސީ ވާދަވެރި އިސް ފަރާތްތަކުގެ މައްޗަށް ބޮޑެތި ކުށްކުރި ކަމަށް ބުނެ "ސަރުކާރުން ދައުވާތައް ކުރަމުންދާ ދިއުމަކީ" އިންސާފުގެ ނިޒާމުން ބޭރުގައި ސިޔާސީ ގޮތުން ވާދަވެރި ފަރާތްތައް ބަލިކަށިކޮށްލައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވާނެތީ އެ ފުރުސަތު ނަގާލުމަށް ކުރާ ކަންތައްތަކެއް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެއް އިއްޔެ ބޭއްވުމަށް ޝެޑިއުލްކުރި ނަމަވެސް އެ ޝަރީއަތަށް ނަޝީދު ހާޒިރުވެވަޑައިނުގަތުމުން ވަނީ ކެންސަލްކޮށްފަ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ދެ ވަނަ ފަހަރަށް އަންނަ އާދީއްތަ ދުވަހަށް ޝެޑިއުލްކޮށް، އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދު ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ވެސް ނެރެފަ އެވެ.