ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ހިލާފަށް ބިން ދޫކޮށް ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައިގައި، ގދ. ތިނަދޫ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މޭޔަރާއި ތިން މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީން ބުނީ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދުގައި ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އަދި އެ ކުންފުންޏަށް ބިން ދޫކުރަން ނިންމާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިން ދޫކުރަން ނިންމާފައިވަނީ އިއުލާން ކުރުމަކާ ނުލައި، އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އޭސީސީން ބުންޏެވެ.

މި ނިންމުމަށް ތާއީދުކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މަގާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުއެވެ. މީގެ އިތުރުން، 1 ނޮވެމްބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ކައުންސިލް ރައީސް ސައުދު އަލީއެވެ.

މި އެއްބަސްވުމުގެ ދަށުން، ގަވާއިދާ ހިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުމުގެ އިތުރަށް، 2000 އަކަފޫޓުގެ ތިން ބިން ވެސް އެ ކުންފުންޏަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ހާމަވެފައިވާކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ ސައުދު އަލީ، އާމިނަތު ނަސީމާ، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ 10ވަނަ ދުވަހެވެ.