02 Oct 2012, 18:17
ތޫނު އެއްޗަކުން ހަމަލާދީ ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަކޮށްލި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ތައުބީނުންގެ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން ނިންމައިފި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި އެ ޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމަށް ފަހު އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަފްރާޝީމްގެ ހަނދާނުގައި އެ ޕާޓީން ތަފާތު ކަންތައްތަކެއް ކުރެއްވުމަށް ކައުންސިލުން މިއަދު ނިންމި ކަމަށެވެ.
މައުމޫނު ވިދާޅުވީ އަފްރާޝީމްގެ ހަނދާނުގައި ތައުބީންގެ ޖަލްސާ ބޭއްވުމަށް ނިންމީ އޭނާ ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ މަސަކަތް ރައްޔިތުނަށް ސާފުކޮށްދެއްވުމަށް ކަމަށެވެ.
"މި ޖަލްސާ ބޭއްވުމުގެ ބޭނުމަކީ އެމަނިކުފާނު [އަފްރާޝީމް] ކޮށްދެއްވާފައިވާ ހިދުމަތްތައް ވީހާ ބޮޑަކަށް ރައްޔިތުނަށް ހާމަކޮށްދިނުން. އެ މަނިކުފާނުގެ އިލްމްވެރިކަމާއި ސިޔާސީ ވިސްނުންފުޅާއި އެ މަނިކުފާނުގެ ފަސްޖެހިވަޑައިނުގަތުމާއި ކަންތައްތައް އޮތްގޮތް ބަޔާންކޮށްދީ އެ މަނިކުފާނަކީ ކިހާބޮޑު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަން ހާމަކޮށްދިނުން،" މައުމޫނު ވިދާޅުވި އެވެ.
އަފްރާޝީމްގެ ހަނދާނުގައި ބާއްވާ ތައުބީންގެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އެ ޕާޓީ އިން ބުންޏެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ، ޑރ. އަފްރާޝީމު އެކި މުނާސަބަތުތަކުގައި ދައްކަވާފައިވާ ދީނީ ހުރިހާ ވާހަކަފުޅުތައް އެއްކޮން ޖަމާކުރެއްވުމަށާއި އަފްރާޝީމް ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ތެރެއިން ރައްޔިތުނަށް ހިއްސާ ކުރެވޭނެ ކަންތައްތައް ހިއްސާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
"އެކި އެކި މުނާސަބާތަކުގައި ޑރ. އަފްރާޝީމް ވަނީ ދީނީ ގޮތުން ވަރަށް އަގު ހުރި ވާހަކަފުޅުތަކެއް ދައްކަވާފައި. އަޅުގަނޑުމެން ބޭނުންވޭ އެ ވާހަކަފުޅުތައް އެއްކޮން ޖަމާކޮށް ރައްޔިތުނަށް ލިބޭ ގޮތަށް ހަދައިދޭން. ހަމަ އެހެންމެ އެމަނިކުފާނު ކޮށްދެއްވާފައިވާ އިލްމީ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެނަށް އެއިން ރައްޔިތުނަށް ހިއްސާ ކުރެވޭނީ ކޮންކަހަލަ މައުލޫމާތުތަކެއްތޯ ބަލައި އެކަންތައްތައް ކުރުން،" މައުމޫނު ވިދާޅުވި އެވެ.