ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާ އަބުރުގެ ދައުވާގެ ޝަރީއަތަށް ނަޝީދު މިއަދު ހާޒިރުވެވަޑައިނުގަތުމުން އެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 2:00 އަށް ޝެޑިއުލްކޮށްފައި އޮތް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ނަޝީދަށް ޗިޓް ފޮނުވާފައިވީ ނަމަވެސް މިއަދު އެމަނިކުފާނު ޝަރީއަތަށް ހާޒިރުވެވަޑައި ނުގެންނެވުމުން ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށެވެ.

"މުހައްމަދު ނަޝީދަށް ސިވިލް ކޯޓުން ވަނީ ކޯޓަށް ހާޒިރުވުމަށް ޗިޓް ރައްދުކޮށްފައި. ނަމަވެސް މިއަދު ނަޝީދު ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވި. އެހެންވެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނާޒިމުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ވަނީ ކުރައްވައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތަށް ވެސް ނަޝީދު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

ރިޔާޒާއި ނާޒިމް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފައި ވަނީ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓު ނެރުމަށް ފަހު ޖެހިގެން އައި ދުވަހުގެ ރޭ އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް އެ މަނިކުފާނު ވާހަކަފުޅު ދައްކަވާފައި ވާތީ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ކޯނީގެ ރިޕޯޓު ނެރުނު ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ބަޣާވާތް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އެ ދެބޭފުޅުންނާ ދިމާލަށް ބާޣީންނޭ ވިދާޅުވާނެ ކަމަށެވެ.