02 Oct 2012, 17:33
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލި ބަޔަކު ހޯދުމަށް ޓަކައި ކުރިއަށްދެވޭނެ މަގު ފެންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ފުލުހުން ބުނެފި އެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕެޝަލިސްޓް ކްރައިމް ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް، އެ އަމަލް ހިނގި ބަޔަކު ހޯދުމަށް ސީސީޓީވީ ފުޓޭޖްގެ އެހީގަ އާއި އެ ސަރަހައްދުން ލިބިފައިވާ މައުލޫމާތުގެ އަލީގައި އެބަޔަކު ހޯދުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެބަޔަކު ހޯދެންދެން ފުލުހުންގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ފަރާތެއްވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަބީބު ވިދާޅުވީ އެ މައްސަލައިގެ ބާވަތުން އެކަމުގެ އެެއްވެސް ތަފްސީލެއް އަދި މީޑިއާއާ ހިއްސާކުރެއްވެން ނެތް ކަމަށެވެ.
"މިއަމަލު ހިންގި ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު މެދުނުކެނޑި ހުއްޓާނުލައި ކުރިއަށް ގެންދާނަން. މިކަން ކާމިޔާބު ކުރުމަށް ޓަކައި އަޅުގަނޑުމެން ފޮރޮޅާ ނުލާނެ އެއްވެސް ގާކޮޅެއް ވެސް ނުބާއްވާނަން. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ރިސޯސެއްގެ އެހީތެރިކަމާ އެކު މިކަން ކުރި ބަޔަކާ ހަމަޔަށް ވާސިލު ވުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ މި މައްސަަލައާ މިހާތަނަށް އެކިއެކި ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގެ ދަންވަރު ވަގުތެއްގައި އަވަހާރަކޮށްލައިފައި އޮއްވައި ފެނިފައި ވަނީ އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގޭ ތެރޭގަ އެވެ. އަފްރާޝީމްގެ ހަށިކޮޅު މިއަދުގެ އަސަރު ނަމާދަށް ފަހު ރަސްމީ އިއްޒަތުގައި ވަނީ ފަސްދާނުލައްވައިފަ އެވެ.