02 Oct 2012, 17:14
ވެސްޓްޕާކް ރެސްޓޯރަންޓް ކައިރިން މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލި މައްސަލައިގައި ދައުވާ ލިބޭ ހަ މީހުންގެ ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް އެ މީހުންގެ ގާނޫނީ ވަކީލުން އުޒުރު ވެރިވެވަޑައިގެންފި އެވެ.
ޝިފާން މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ހަ މީހުންނަކީ ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއް ރަހުމާނާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މާލޭ ދަފްތަރު 3912 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ އިތުރުން މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މިއަދުގެ ހާލަތު އޮތްގޮތުން ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ދައުވާ ލިބޭ މީހުންގެ ވަކީލުން ވިދާޅުވި ކަމަށެވެ.
ގާޒީ ވިދާޅުވީ މިއަދުގެ ހާލަތު އޮތްގޮތުން ކަމަށް ވިދާޅުވެ ޝަރީއަތަށް ހާޒިރުވެވަޑައިނުގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް ވަކީލުންނާއި މެދު އަޅާނެ ކަމަށެވެ.
"ހާލަތަކަށް ބަލައިގެން ނޫން ކޯޓުން ޝަރީއަތް ކުރިއަށް ގެންދަނީކީ. ޝަރީއަތަށް ހާޒިރުވެފައި ނުވާތީ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް ވަކީލުންނާއި މެދު އަޅާނަން،" ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ މީހުން ލިޔުމުން ދިފާއީ ހެކި ހުށަހަޅާފައި ވީނަމަވެސް ނަބީހު ފިޔަވައި އެހެން މީހުން ހެކި ހުށަހަޅާފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށް ވާތީ އެމީހުން ދިފާއުގައި ހުށަހެޅި ހެކި ޝަރީއަތަށް ބަލައި ނުގަތުމަށް ނިންމަވާ ގާޒީ ވަނީ އެކަން އިއުލާން ކުރައްވާފަ އެވެ.
"ނަބީހު ފިޔަވައި ދައުވާ ލިބޭ އެހެން ފަރާތްތަކުން ހެކި ހުށަހަޅާފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށް ވާތީ އެ މީހުންގެ ދިފާއީ ހެކި ޝަރީއަތަށް ބަލައިނުގަތުމަށް މިނިންމީ. މިއީ އެންމެ ފަހުގެ ނިންމުން،" ގާޒީ ވިދާޅުވި އެވެ.
ހަ މީހަކު ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅުމަށް ފަހު ނަބީހު ބުނީ އޭނާ ހުށަހެޅި ހެކީން ނަކީ އެދުވަހު އޭނާ ހިންނަވަރުގައި ހުރިކަން ޝަރީއަތަށް ސާބިތުކޮށް ދިނުމަށް ހުށަހެޅި ހެކިތަކެއް ކަމަށެވެ.
ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާ އެދުވަހު ހުރީ ހިންނަވަރުގައި ނޫންކަމަށް ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތު ކޮށްދެވޭނެ ކަމަށެވެ.
ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް އޮންނަ ދުވަހަކު އޮންނާނީ ދައުލަތުގެ ފަރާތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކީންގެ ހެކިބަހާއި ނަބީހުގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އަދި އެ ދުވަހު އަލީ ޝިފާންގެ ވާރިސުންގެ ބަޔާން ވެސް ނަގާނެ ކަމަށާއި އެދުވަހު ހެކީން ޝަރީއަތަށް ހާޒިރުނުކުރެވޭނަމަ ހެކީންގެ ހެކިބަސް ނެގުމަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހެކީންގެ ހެކިބަސް ނެގުމަށް ފަހު އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށް ފަހު އަންނަ މަހު 25 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.