ޑރ. އަފްރާޝިމް އަލީ އަކީ ދޫފަސޭހަ ބޭފުޅެކެވެ. ވާހަކަ ދެއްކުމުގެ މީހުންގެ ހިތްދަމައި ގަންނަ ފަދަ ތަފާތު ސްޓައިލްއެއް ގެންގުޅުއްވި ބޭފުޅެކެވެ. އޭނާއަށް ލިބިވަޑައިގަތް އިލްމް ހެޔޮގޮތުގައި ފޯރުކޮށްދެއްވުމަށް ތަފާތު ޕްލެޓް ފޯމްތަކުގައި އޭނާ ތަގުރީރު ކުރެއްވި އެވެ. ގިނަ ބަޔެއްގެ ސަމާލުކަން އޭނާ ހޯއްދެވީ މެލޭޝިޔާގެ އިސްލާމިކް ޔިނިވަސިޓީން ޕީއެޗްޑީ ނޫނީ ޑޮކަޓަރޭޓް ހާސިލްކުރެއްވި ބޭފުޅެއްގެ ގޮތަގައެއް ނޫނެވެ. އަދި މަޖިލީހުގެ މެންބަރެއްގެ ގޮތަކުގަވެސް ނޫނެވެ. ސިޔާސީ ބޭފުޅެއްގެ ގޮތުގައެއްވެސް ނޫނެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ މެދުމިނުގެ އިސްލާމްދީން ނޫނީ މޮޑަރޭޓް އިސްލާމްދީނަށް ރާއްޖޭގައި ގޮވާލެއްވުމުގެ އުހުގައި ހުންނެވި ދީނީ ދަންނަ ބޭކަލެއްގެ ގޮތުގަ އެވެ.

ބައެއްގެ ރަހުމް ކުޑަ އަތްތަކުން އޭނާގެ ސީދާ ފުރާނައަށް ރޭ ދަންވަރު ދިން ހަމަލާގައި އަފްރާޝިމް އަވަހާރަ ވީއިރު އޭގެ ކުޑައިރު ކޮޅެއް ކުރިންވެސް ގައުމީ ޓީވީ، ޓީވީއެމްގެ ދީނީ ޕްރޮގްރާމް، "އިސްލާމީ ދިރިއުޅު"މުގައި އޭނާ ތަގުރީރު ކުރެއްވި އެވެ. އެއީ އޭނާ ޕްލެޓް ފޯމެއްގައި ދައްކަވަފާނެ އެންމެ ފަހުގެ ވާހަކަތައް ކަމެއް އޭރު ބަޔަކަށް ހީވެފަ އެއްނެތެވެ. ރޭގެ ޕްރޮގްރާމްގައިވެސް އޭނާ މަސައްކަތް ކުރެއްވީ ލިބިވަޑައިގެން އިލްމު ހާމަކުރެއްވުމަށެވެ. އެ މަތިވެރި ވާޖިބުގަ އެވެ.

"... އުލޫހިއްޔާ އަކީ ﷲގެ އެއްކައުވަންތަކަން ގަބޫލުކުރުމެވެ. ރުބޫބިއްޔަތަކީ ދުނިޔޭގައި ވާހާ ތަކެއްޗެއް އުފައްދަވާ އަޅުގަނޑުމެން ބައްލަވައި ހައްދަވާ ފަރާތަކީ ﷲ އޭ، އަނެއްކާ ސިފަފުޅުތަކާއި ނަންފުޅުތަށް މިލްކުވެވޮޑިގަންނަވާ، ރީތި ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއްވެސް މީހަކަށް ބައިވެރިއެއް ނުވެވޭނެ، އެ ސިފަފުޅުތަކާއި އެއްވަރުވާ އެއްވެސް އެހެން އެއްޗެއް ނުވާނެ، އެހެންވީމައި ﷲ ވަހީކުރައްވަނީ މާތްﷲ އާ އެއްފަދަ އެއްވެސް އެއްޗެއް ނުވޭ،" ރޭ 10 އިން 11އަށް ޓީވީއެމް އިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި "ސާފު އަގީދާގެ ބޭނުންތެރިކަމާ" ގުޅޭގޮތުން ވާހަކަދައްކަވަމުން އަފްރާޝިމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ގުބާދާއި އެކު އެ ޕްރޮގްރާމްގައި އޭނާ ވަނީ އިސްލާމީ އަގީދާގެ މަތިވެރި ކަމުގެ މައްޗަށް ވަރަށް ފުރިހަމައަށް ވާހަކަދައްކަވައިފަ އެވެ. އެ އަގީދާ ކިލަބުނުކުރުމާއި ކިލަބުވާ ކަންތައްތަކުން ދުރުވުމުގެ މައްޗަށް އޭނާ ބާރުއެޅުއްވި އެވެ. ޝަރީކު ކުރުމުން ދުރުވުމަށް ގޮވާލެއްވި އެވެ.

"އިސްލާމްދީނަކީ ވަކިއެއްޗެއް މެދުވެރިކޮށްގެން ﷲ އަށް ދެންނެވޭ ގޮތަށް ވުރެ މާފުރިހަމަކޮށް މާ ސާފުކޮށް ސީދާކޮށް އޮންނަ ކަމެއް، ﷲ ސުބުހާނަހޫ ވަތައާލާއަކީ ހައްޔުލްގައްޔޫމް، ދިރިދެމިވޮޑިގެންވާ ފަރާތެއް، ހުރިހާކަމެއްގައި ހުރިހާ ވަގުތެއްގައި ހުރިހާ ކަމެއް ދެނެވޮޑިގަންނަވާ ފަރާތެއް، އަޅުގަނޑުމެންގެ ދުއާއަކީ އައްސަވާ ވޮޑިގެންވާ ފަރާތެއް، އެހެންވީމައި އެކަލާންގެއަށް ދުއާދެންނެވުމުގައި އެހެން ފަރާތެއް މެދުވެރިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން، އެއީ އަހުލުއްސުންނާ ވަލްޖަމާއަތުގެ އަގީދާ، ހުރިހާ ދަންނަ ބޭކަލުން، މުއުތަބަރު އިތުބާރު ހުރި ހުރިހާ އިލްމްވެރިން ގަބޫލުކުރާ ގޮތަކީ އެއީ،" އަފްރާޝިމް ވިދާޅުވި އެވެ.

ޕްރޮގްރާމްގެ ފަހު ފުރުސަތުގައި ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވަނީ މީގެ ކުރިން އޭނާ ދައްކާފައި ހުރި ބައެއް ވާހަކަތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވައިފަ އެވެ. އޭނާ ވަނީ އެކަންތައްތައް ޖަސްޓިފައި ކޮށްދެއްވައިފަ އެވެ. ބައެއް ފަރާތްތަކުން އޭނާ މީގެ ކުރިން ދެއްކެވި ވާހަކަތަކާއި ގެންގުޅުއްވާ ހިޔާލުތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެސްވެ އެވެ. ހާއްސަގޮތެއްގައި "މިޔުޒިކާއި ލަވައިގެ" މައްސަލަ އާއި "ތުބުޅި ބެހެއްޓުމާއި ފައިކުރި ކުރުކުރުމު"ގެ މައްސަލައިގައި އޭނާގެ ހިޔާލު ބައެއް އިލްމްވެރިންނާ ތަފާތުވެ އެވެ.

"ނަމަވެސް ބައެއް ފަހަރު އެބަހުރި މަފްހޫމު އޮޅޭގޮތްވެފައި، ނޫނީ އެބުނެވޭ ގޮތުންވެސް ބައެއް ފަހަރު އެހެންކަމެއްވެސް ވެދާނެ، ނޫނީ ބުނެވޭގޮތުން ފަހުމް ވުމުގައިވެސް މައްސަލަ ހުރެފާނެ، ފަހުމް ވުމުގައިވެސް މައްސަލަ އުޅެދާނެ، އަޅުގަނޑުމެންނާއި ހަމައަށްވެސް އެބަހުރި އައިސްފައި، އަޅުގަނޑު ރާއްޖެ އައިތާ ކައިރީގައި ޓީވީ ޕްރެޒެންޓަރަކު މި ވިދާޅުވަނީ ވަރަށް ކުދި ކުދި ކަންތައްތަކުން މީހުން ކާފަރު ކުރޭ، ދެން މިސާލުތައްވެސް ވިދާޅުވި، އަޅުގަނޑު ދެންނެވީ ދެން އެހެން ކާފަރެއް ނުކުރެވޭނޭ،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުބުޅި ނުބެހެއްޓުމާއި ފައިކުރި ކުރުނުކުރުން ފަދަ މައްސަލަތަކުގައި މީހަކު ކާފަރެއް ނުކުރެވޭނެ ކަމަށް ދަންނަވާފައި އޮންނާނެ ކަމަށެވެ. އެކަމަށް ހުއްޖަތެއްގެ ގޮތުގައި "އެމީހަކަށް އަޒާބު ދެވޭނެ ކަމަށް" ދަންނަވާފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މީހަކު ވައްކަން ކޮށްގެން އަދި ސާބިތުވެގެން ގެންދިޔައަސް ސާބިތުވާ މިންވަރަކުން އަތްކަޑަން ނޫނީ އެހެންވެސް އަދަބެއް ދޭން ހުކުމް ކުރާނީ އޭނާ ދީނުން ބޭރުވީ ކަމަކަށް ހުކުމެއް ނުކުރާނެ، މިކަހަލަ ބައެއް ކަހަލަ މަފްހޫމުތައް އެހެންވީމައި އަޅުގަނޑު މިތަނުގައިވެސް މި ދަންނަވާލަނީ ކޮންމެހެން މުސްލިމުންނަކީ އިސްލާމްދީން ގަބޫލުކުރުމަށް ފަހުގައި އޭނަ މުސްލިމެކޭ ބުނެވުނީމައި އޭނައަށް ހުރިހާ ކަމެއް ވީކަމުގައި ހީކުރަން ޖެހޭ ބައެއް ނޫން،" އަފްރާޝިމް ވިދާޅުވި އެވެ.

ކުއްލިޔާގައި ގިނަ ދަރިވަރުންތަކަކަށް އިލްމު އުގަންނައި ދެއްވަމުން ގެންދެވި އަފްރާޝިމް ވިދާޅުވީ އޭނާ ކަމެއް ކަށަވަރުކޮށްދިނުމަށް ވިދާޅުވެވުނު އެއްޗެއްގެ ސަބަބުން އޭގެން ނުބައި މާނައެއް ދޭހަވެފައި ވާނަމަ "ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ" ކަމަށެވެ.

"އެގޮތަށް ވާހަކައެއް ދެންނެވިފައި ހުރިއްޔާ އެއީ އަޅުގަނޑުގެ ނުކުޅެދުންތެރިކަން، އެކަމަށް އަޅުގަނޑު ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން، އެއީ ހަގީގަތުގައިވެސް އެހެން ވާހަކަ ދައްކަމުންދާއިރު ބޮޑަށް ގައިމުކޮށްދިނުމުގެ ގޮތުން ވާހަކައެއް ބުނާއިރު ވަރަށް މޮޅަތި މީހުންގެ އަތުންވެސް ނައްޓާލައިގެންދާ ކަންތައްތައް،" އަފްރާޝިމް ވިދާޅުވި އެވެ. "އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ހުރިހާ އެންމެންގެ ކިބައިން އަޅުގަނޑު އުޒުރުވެރިވާން ޖެހޭނެ ކަމެއް."

އަފްރާޝިމަށް އަނިޔާކުރުމަށް ފަހު އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގޭ ސިޑިކައިރީ ރޭ މަރާލުމުގެ ކުރިންވެސް އަފްރާޝިމްއަކީ ދީނީ ގޮތުން އަދި ސިޔާސީ ގޮތުންވެސް ދެތިން ފަހަރެއްގެ މަތިން އޭނާއަށް ނުރައްކާތެރި ހަމަލަތަކެއް އަމާޒުވެފައިވާ ބޭފުޅެކެވެ.