ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތް ދެވަނަ ފަހަރަށް އަންނަ އާދިއްތަ ދުވަހަށް ޝެޑިއުލްކޮށް އެ ޝަރީއަތަށް ނަޝީދު ހާޒިރު ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވީސްގެ މައްޗަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއްނެރެފި އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ބާއްވަން އުޅުނު ޝަރީއަތަށް ނަޝީދު ހާޒިރުވެވަޑައިނުގެން އިރު ކޯޓުގެ އެންގުމަށް ޝަރީއަތަށް ހާޒިރުވެވަޑައިގެންފައި ނުވާ ސަބަބެއްވެސް އަންގަވާފައިނުވާ ކަމަށެވެ.

އެކޯޓުން ބުނީ ނަޝީދު ހާޒިރު ކޮށްދިނުމަށް ފުލުންގެ މައްޗަށް އަމުރު ނެރެފައިވަނީ "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ފަސް ވަނަ މާއްދާގެ (ށ) ވާގޮތުގެ މަތީންނެވެ.

ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ބުނަނީ ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް އެއްވެސް މީހަކަށް އަމުރު ފޮނުވުމުން، އެ އަމުރު ނުހިފައިފި ނަމަ ނުވަތަ އެ އަމަރު ނުލިބި މަގުބޫލު އުޒުރެއްނެތި ހާޒިރު ނުވެއްޖެނަމަ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވީސް (ޑީޕީއާރުއެސް) ނުވަތަ މޯލްޑްވްސް ޕޮލިސް ސާވީސް މެދެވެރިކޮށް އެމީހަކު ކޯޓަށް ހާޒިރުކުރެވިދާނެ ކަމަށެވެ.

ނަޝީދު ޝަރީއަތް އަލުން ބޭއްވުމަށް އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00އަށް ތާވާލު ކޮށްފައިވާއިރު އިއްޔެ އެ ގަޑީގައި ޝަރީއަތަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް ނަޝީދުވަނީ ކޯޓަށް ހާޒިރުވަޑައިނުގެން ދެކުނުގެ ހަތަރު ރަށަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއްގައި ފުރާވަޑައިގެންފަ އެވެ.