02 Oct 2012, 14:39
ނިއުރޭޑިއަންޓުގެ ސަޕޯޓަރުންނަކީ ދުނިޔޭގެ ބޮޑެތި ކުލަބްތަކުގެ ސަޕޯޓަރުން ގެންގުޅޭ ކަހަލަ ވިސްނުމެއް ގެންގުޅޭ ސަޕޯޓަރުންތަކެއް ތިބި ކުލަބެއް ކަމަށް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ފަސް އަހަރު ފަހުން ދިރާގް ދިވެހި ލީގުގެ ޗެމްޕިއަންކަން ނިއުއިން ހޯދުމަށްފަހު ސަން މީޑިއާ ގްރޫޕްގެ ސަން އެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަމުން ކޯޗް މޯހަން ބުނީ، ނިއުރޭޑިއަންޓަކީ ކާމިޔާބީއަކަށް ފަހު ކާމިޔާބީއެއް އަލުން ހޯދަން މަސައްކަތް ކުރަމުން އަންނަ ޓީމެއް ކަމަށާއި އޭގެ އެންމެ ބޮޑު އެއްސަބަބަކީ ޓީމުގެ ސަޕޯޓަރުން ކަމަށެވެ. އަދި ނިއުގެ ސަޕޯޓަރުން ނަކީ ވަރަށް އެހެން ކަހަލަ ސަޕޯޓަރުން ތަކެއް ތިބި ޓީމެއް ކަމަށާއި ހަމައެޔާއެކު ސަޕޯޓަރުންގެ ވިސްނުން ހުންނަނީ ދުނިޔޭގަ ފެންނަ ބޮޑެތި ކުލަބްތަކުގެ ސަޕޯޓަރުންގެ ވިސްނުމާ ހަމަ އެއްކަހަލަ ގޮތަކަށް ކަމަށެވެ.
"ދުނިޔޭގަ ފެންނަ ބޮޑެތި ކުލަބްތަކުގެ ސަޕޯޓަރުންގެ ވިސްނުމާ ހަމަ އެއްކަހަލަ ވިސްނުމެއް ނިއުގެ ސަޕޯޓަރުން ގެންގުޅޭ ބުންޏަސް ހަމަ ދޮގަކަށް ނުވާނެ. މިހެން ބުންޏަސް ދުނިޔޭގެ ބޮޑެތި ކުލަބްތަކުގެ ސަޕޯޓަރުންނާ ނިއުގެ ސަޕޯޓަރުންނާ އަޅާކިޔަނީއަކީއެއް ނޫން. އެހެންނަމަވެސް ނިއުގެ ސަޕޯޓަރުންގެ ސަޕޯޓުން ވަރަށް ބޮޑު ޗެލެންޖެއް އަޅުގަނޑަށް ވެސް ލިބޭ." މޯހަން ބުންޏެވެ.
މޯހަން ބުނީ، އެފްއޭކަޕުން ކެޓި ކަމުގައި ވިޔަސް، ލީގުގައި ކުޅުނު ބައެއް މެޗްތަކުން ލަނޑެއް ނުޖެހި އެއްވަރުވި ކަމުގައި ވިޔަސް ސަޕޯޓަރުންގެ ފަރާތުން ގިނަ ޕްރެސާތަކެއް އޭނާއަށް ކުރިމަތިވާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު މޯހަންގެ އިންތިއުފާއަށް ގޮވާލާ އަޑުވެސް އޭނައަށް އިވޭ ކަމަށް ބުންޏެވެ.
މިއަހަރުގެ ދިވެހި ލީގް ނިއުއިން ކާމިޔާބުކުރީ ވާދަވެރި ވިކްޓަރީ އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ.
މޯހަން ބުނީ، ސީޒަނާ ނިއުއިން ކުރިމަތި ލީވެސް އުންމީދަކާއެކު ކަމަށާއި އެގޮތުން ސީޒަންގެ އެންމެ ބޮޑު ލީގް "ދިރާގް ދިވެހި ލީގް" ކާމިޔާބު ވުމުން ވަރަށް އުފާވާކަމަށެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް އުންމީދު ކުރި ވަރުގެ ކުޅުމެއް ލީގުގައި ދެއްކި ކަމަށް މޯހަން ބުންޏެވެ.
"ޕްރެޒިޑެޓް ކަޕަށް ވެސް އަޅުގަނޑުމެން މިހާރު މިދަނީ ތައްޔަރު ވަމުން. އެމުބާރާތުން ކާމިޔާބު ހޯދޭނީ ކޮންކަހަލަ ވިސްނުމެއް ގެންގުޅެގެންތޯ ވެސް މިހާރު މިދަނީ ބަލަމުން. މިހާރުވެސް ކުޅުންތެރިންނާއެކު މިދަނީ ވަހަކަތައް ދައްކަމުން. އެމުބާރާތް ކާމިޔާބު ކުރާނެ ގޮތަކާ މެދު" މޯހަން ބުންޏެވެ.
މީގެއިތުރުން މޯހަން ބުނީ، ކުލަބުގެ ޗެއާމަން އަލީވަހީދު (ބަލަކް) މީޑިއާގައި މީގެ ކުރިން ވިދާޅުވި ފަދައިން އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ވެސް ނިއު ރޭޑިއަންޓް ނިކުންނާނީ ނަމަކަށް ނޫން ކަމަށާއި އެމުބާރާތުން ވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އުންމީދާއެކު ކަމަށެވެ. އަދި ޗެއާމަން ވިދާޅުވިގޮތައް އެމުބާރާތައް ވަރުގަދަ ޓީމެއް އެކުލަވާލައި، ގުރޫޕް ސްޓޭޖް ފަހަނަޅައި ދިއުމަކީ ނިއުގެ އަމާޒު ކަމަށް ވެސް މޯހަން ބުންޏެވެ.
ނިއު އެންމެ ފަހުން އޭއެފްސީ ކަޕްގައި ވާދަކުރީ 2008 ވަނަ އަހަރު އެވެ. އަދި ނިއުރޭޑިއަންޓާކީ މިހާތަނަށް އޭއެފްސީ ކަޕްގައި ރާއްޖޭގެ ކުލަބަކުން އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާ ހަމައެކަނި ޓީމް ވެސް މެއެވެ،. އެގޮތުން ނިއު ވަނީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ނިއު ރޭޑިއަންޓު ފިޔަވައި ރާއްޖޭގެ އެހެން އިތުރު އެއްވެސް ކްލަބަކަށް މީގެ ކުރިން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނަޅައި ދެވިފައެއް ނުވެ އެވެ.