02 Oct 2012, 14:37
މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޑެންމާކްގެ ނޯޑްސްއަކީ ދަށްފެންވަރެއްގެ ޓީމެއް ނޫން ކަމަށް ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓިއޯ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ނޯޑްސްއާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން ކޯޗް ރޮބާޓޯ ޑިމަޓިއޯ ބުނީ، މިރޭގެ މެޗަކީ ޗެލްސީއަށް ވަރަށް މުހިންމު ކަމަށާއި މެޗަށް ޓީމް ނިކުންނާނީ ނޯޑްސްއަކީ ދަށް ފެންވަރެއްގެ ޓީމެއް ނޫންކަން ދެނެގެން ކަމަށެވެ.
މިމެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގައި ޑެންމާކްގެ ކޯޕަންހޭގަން ސްޓޭޑިއަމްގަ އެވެ.
ޑިމަޓިއޯ ބުނެފައިވަނީ މުބާރާތުގެ ފުރަތަމަ މެޗްގައި ޔުވެންޓަސްއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗް އެއްވަރުވެފައިވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށްޓަކައި މިރޭގެ މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކުރުމަށް ޗެލްސީގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް ވެސް ކޯޗް ޑިމަޓިއޯ ބުންޏެވެ.
"ނޯޑްސްއަކީ ދަށް ފެންވަރެއްގެ ޓީމެއް ނޫން. އަހެރުމެން މިރޭ ނިކުންނާނީ މޮޅުވާން. އެހިތްވަރު ކުޅުންތެރިންގެ ކިބާގައި އެބަހުރި. މޮޅެއް ހޯދާގެން ނޫނީ ދެ ވަނަ ބުރު ޔަގީން ކުރަން އަހަރުމެން ބޭނުން. މުބާރާތުގެ ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް މިރޭގެ މެޗުގައި ރަނގަޅު ކުރާނެ. " ކޯޗް ޑިމަޓިއޯ ބުންޏެވެ.
ޗެލްސީއާ ދެކޮޅަށް ނިކުންނަ ނޯޑްސް ޗެމްޕިއަންސްލީގަށް ކޮލިފައި ވެފައި ވަނީ ޑެންމާކް ލީގު ކާމިޔާބުކުރުމަށްފަހު އެވެ.