02 Oct 2012, 13:19
ރައްޔިތުންގެ މަޖިލީދުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަށް ބަޔަކު ވަޅިން ހަމަލާދީ މަރާލި މައްސަލަ އދ. އިން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އދ.ގެ އިދާރާ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޚަބަރު ލިބުނީ ކުއްލި ހައިރާން ކަމަކާ އެކު ކަމަށާއި އެއަމަލް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި ވީ އެންމެ އަވަހަކަށް އިންސާފު ގާއިމްވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިވަގުތަކީ ހިތާމަފާޅުކޮށް، ގައުމީ އެއްބައިވަންތަ ކަން ދައްކުވައިދީ އެންމެން އެކަތި ގަނޑަކަށްވާންވީ ވަގުތު ކަމުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އަދުލު އިންސާފާއި ގާނޫނުތައް ހަރުދަނާކުރުމުގައި ރާއްޖޭގެ ރައްޔިތުންނާ އެކު ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށާއި އިންސާނިއްޔަތަށް އިހުތިރާމްކޮށް ކެތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.