ޓީވީ ޕްރޮގްރާމެއް ނިންމުމަށް ފަހު ގެއަށް ވަޑައިގަތް ވަގުތު ތޫނު އެއްޗަކުން ހަމަލަދީ ރޭ އަވަހާރަކޮށްލި ޑރ. އަފްރާޝިމް އަލީގެ ކުއްލި މަރާ ގުޅިގެން ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ދިދަ މިއަދުން ފެށިގެން ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އަދި އަނިޔާވެރި އެ އަމަލުކުށްވެރިކުރައްވައި ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވަނީ މިއަދު ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެބަޔާނުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި، ރަޙުމްކުޑަ ގޮތެއްގައި އަވަހާރަކޮށްލި ޚަބަރު އެމަނިކުފާނަށް ލިބިވަޑައިގަތީ ފުން ހިތާމަ އާއި އަސަރާއެކުގައި ކަމަށެވެ. އަދި އެ ޢަމަލަކީ އަނިޔާވެރިކަމާއި ރަޙުމްކުޑަކަމުގެ ހަޑިމުޑުދާރު، ދަށު ދަރައިޖައިގެ ޢަމަލެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ބަޔާނުގައި ވިދާޅުވީ އަދި ވިދާޅުވީ އެ ޢަމަލު ހިންގި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެ ކަމަށެވެ.

".... މިޖަރީމާ ހިންގި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެވޭނެ އެވެ. ފުން ހިތާމައިގެ މިދަނޑިވަޅުގައި، މަރްޙޫމް އަފްރާޝީމް ޢަލީގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ތަޢްޒިޔާ ދަންނަވަމެވެ. ހިތާމައިގެ މިވަގުތުގައި، މަރްޙޫމްގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރުޞަތުގައި ވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ..." ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި ހާދިސާއާ ގުޅޭ ގައުމީ ތަހުގީގެއް ހިންގަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރޭގެ އެ ހާދިސާއަކީ ރާވައިގެން ހިންގާފައިވާ ޢަމަލެއް ކަމަށް ރިޔާޒު ވަނި ވިދާޅުވެފަ އެވެ.