02 Oct 2012, 12:25
-- ހުސެން ހަސަން އަދި އިސްމާއިލް ޝާކިރު --
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލުމުގެ ކުރިން، އެންމެ ފަހު ވަގުތު ވެސް އެމަނިކުފާނު ހުންނެވީ ގައުމަށް ދީނީ ނަސޭހަތްް ދެއްވުމުގައި ކަމަށާއި ދީނީ ނަސޭހަތް ދިނުމަށް ފަހު ޝަހީދެއްގެ ގޮތުގައި ނިޔާވެގެން ދިއުމުން އުފާ ކުރައްވާ ކަމަށް އޭނާގެ ބައްޕާފުޅު އަލީ ޒާފިރު ވިދާޅުވެއްޖެ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން ކުއްލި ގޮތަކަށް މިއަދު ހެނދުނު މާލެ ވަޑައިގެން އާސަހަރާގައި ހުންނަވައިގެން ސަންއަށް ދެއްވި އިންޓަވިއުއެއްގައި އަފްރާޝީމްގެ ބައްޕަ އަދި އުނގޫފާރުގެ ކުރީގެ ކަތީބު އަލީ ޒާފިރު ވިދާޅުވީ ޝަހީދެއްގެ ގޮތުގައި އޭނާގެ ދަރިފުޅު އަވަހާރަވެގެން ދިއުމުން އެކަމާ އުފާކުރެއްވި ނަމަވެސް އަނިޔާވެރި ގޮތަށް ހިންގި އެ އަމަލާ ގުޅިގެން އާއިލާ އޮތީ ފުންހިތާމައެއްގައި ކަމަށެވެ.
މައުހަދު ނުވަތަ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ އިން ތައުލީމު ހާސިލް ކުރެއްވުމަށް ފަހު މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަފްރާޝީމާ ގުޅޭ ގޮތުން އޭނާގެ ބައްޕަ ވިދާޅުވީ އަފްރާޝީމަކީ އަބަދުވެސް ތައުލީމަށް ލޯބިކުރާ، ކިޔެވުމަށް މަސައްކަތް ކުރާ ދަރިއެއް ކަމަށެވެ. ދަރިފުޅުގެ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށް އިޝާރާތްކޮށް ވެސް އޭނާގެ ބައްޕަ ވާހަކަފުޅު ދެއްކެވި އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ޓީވީއެމް އިން ރޭ 10 އިން 11އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ "އިސްލާމީ ދިއުޅުން" ޕްރޮގްރާމްގައި "ސާފު އަގީދާއެއްގެ ބޭނުންތިރިކަން" މި މައުޟޫއަށް އިންސާފު ކުރެއްވުމަށް ފަހު ގެއަށް ވަޑައިގެންނެވިތަނުންނެވެ. އަފްރާޝީމް މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ސިޑިކައިރިއަށް ވެއްޓި ލެއިން ތައްތެޅިފައި އޮއްވަ އެވެ. އަފްރާޝީމް ދިރިއުޅުއްވަނީ އެގޭގެ ތިން ވަނަ ބުރީގަ އެވެ.
ޓީވީއެމްގެ ދީނީ ޕްރޮގްރާމް ނިންމަވާލެއްވުމަށް ފަހު ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަފްރާޝީމް ވަނީ އޭނާގެ އަންހެނުންނާ ފޯނުން ވާހަކަދައްކާފަ އެވެ. އަދި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމްގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ ވެސް އޭނާގެ އަނބިކަނބަލުންނަށެވެ.
އަފްރާޝީމްގެ އަނބިކަނބަލުން ގުރައިޝާ ވަނީ އޭނާގެ ފިރިހަލުންނާ އެންމެ ފަހުން ދެއްކި ވާހަކަތައް ވަރަށް އަސަރާ އެކު ސަންއާ ހިއްސާކޮށްފަ އެވެ. އެ ވާހަތައް ސަންއާ ހިއްސާ ކުރީ އަފްރާޝީމްގެ މަރާ ގުޅިގެން ރޭ އޭޑީކޭގައި ހުންނެވި ވަގުތުގަ އެވެ.
އިސްޖަހައިގެން އިނދެ، ލޮލުން ކަރުނަ ފޮހެލަމުން އޭޑީކޭގެ އެމެޖެންސީ ރޫމްގެ އެނދެއްގައި އިންނެވި ގުރައިޝާ ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް ގެއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ފިރިކަލުން ރޭ ދެއްވި ކަމަށެވެ. އަދި ފަރިއްކުޅުއް ވާނީ ގެއިން ކަމަށާއި ކެއުން ތައްޔާރު ކުރުމަށް ފިރިކަލުން ދެންނެވި ކަމަށް އަފްރާޝީމް އަނބިކަނބަލުން ވިދާޅުވި އެވެ.
ނަމަވެސް ގެއަށް ވަޑައިގެންނެވުން ލަސްވުމުން ކަންބޮޑުވެވަޑައިގެންނެވި ކަމަށާއި ފޯނަށް އެތައް ފަހަރަކު ގުޅުމުން ވެސް ފިރިކަލުން ޖަވާބު ނުދެއްވި ކަމަށް ގުރައިޝާ ވިދާޅުވި އެވެ. އަދި ވީނުވީއެއް ބެލުމަށް ގޭގެ ތިން ވަނަ ބުރިން މަގުމަތި ބަލާލި އިރު ފިރިކަލުންގެ ކާރުކޮޅު ޕާކުކޮށްފައި އޮތްތަން ފެނުނު ކަމަށާއި ގޭގެ ތިރީގައި ހުންނަވާނެ ކަމަށް ހީކޮށް ސިޑިން ތިރިއަށް ދިޔަ އިރު، ލެއިން ތައްތެޅިފައިވާ ހަށިގަނޑު ފެނުނު ކަމަށެވެ. އާއިލާގެ ގިނަ މެންބަރުން ކައިރީގައި ހުންނަވައިގެން ސަންއާ ހިއްސާކުރި އެ ވާހަކަތަކަށް ފަހު ގުރައިޝާގެ ވާހަކަތަކަށް ހުއްޓުން އެރި އެވެ. ފިރިކަލުންގެ ފުރާނަނެތް މަސްގަނޑު ފެނުނު ވަގުތުގެ އިހުސާސްތައް އޭނާ އަށް ބުނެއެއްނުދެވުނެވެ. އެއަށް ވުރެ ބޮޑަށް އޭނާ އަށް ހުރީ ފުން އަސަރުކޮށްފަ އެވެ. އެހެންވެ އެކަމާ އިތުރަށް ސުވާލެއްވެސް ނުކުރަމެވެ.
މަޖިލީހުގެ މެންބަރެއްގެ ފުރަތަމަ މަރާއެކު އަފްރާޝީމް އަވަހާރަކޮށްލާފައިވާ ތަނުގެ ފޮޓޯތައް ސަންގެ ޓީމަށް ލިބިފައިވެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން ހ. ފުންވިލުގެއަށް ވަނަ ދޮރުން ފެށިގެން އިމާރާތަށް އަރާ ދޮރާ ދެމެދު ލޭތައް އެކި ދިމާލަށް އޮހޮރިފައި ހުއްޓެވެ. އަދި އަފްރާޝީމަށް ދިން ވަޅީގެ ހަމަލާގައި ބޮލުގެ ފުއްކިބައިން ތަންގަނޑެއް ނެއްޓި ބިއްމައްޗަށް ވެއްޓިފައި ވެސް އޮތެވެ.
އަނިޔާވެރި ގޮތަކަށް އޭނާ އަވަހާރަ ކޮށްލި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިންނެވެ.
ފުލުހުން ބުނީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ގައުމީ ތަހުގީގެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައި ވާތީ ފުލުހުން އެ މަސައްކަތުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
އަފްރާޝީމްގެ ހަށިކޮޅު ފަސްތާނުލާނީ މިއަދު އަސްރުނަމާދަށް ފަހު އާސަހަރާގަ އެވެ.