17 Sep 2026, 15:39

ބ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާގެ ފައިނަލްގެ ޖާގަތައް ބަގޭސް ސްޕޯޓްސް ކުލަބް އަދި ބަރާބަރު އެފްސީ ހޯދައިފިއެވެ.
ބަގޭސް އެސްސީން ފައިނަލްގެ ޖާގަ ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ބަގޭސް ކަންމައްޗާ ވާދަކޮށް 3-11 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގައި ބަގޭސް އިން އުފެއްދި ގިނަ ހަމަލާތަކުގައި އެޓީމުގެ ކެޕްޓަން ވިޝާހު ޢަބްދުލްމަޖީދު (ވިއްޓު) ގެ ދައުރު ވަރަށް ބޮޑަށް ފާހަގަވިއެވެ. ވިއްޓުގެ އިތުރުން މުޅި މުބާރާތުގައިވެސް އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުޙައްމަދު ޒައިން ނިޔާޒު އަދި އިސްމާޢީލް ރަޔާންގެ ކުޅުން މި މެޗުގައިވެސް ފާހަގަވިއެވެ.
މެޗުގައި ބަގޭސް ކަންމަތީގެ ލަނޑުތައް ޖަހައިދީފައިވަނީ އަލްސަން އާމިރު އަދި މަނާޅް އަޙްމަދެވެ. މީގެ ތެރެއިން މަނާލްގެ ގޯލަކީ ބަގޭސްގެ ކީޕަރު ކުރިއަށް އަރާހުރި ވަގުތެއްގެ ބޭނުން ހިފައިގެން އަމިއްލަ ހާފު ތެރެއިން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ފައިނަލުގެ ދެވަނަ ޖާގަ ބަރާބަރު އެފްސީން ހޯދާފައިވަނީ ސެމީގެ ދެވަނަ މެޗުގައި 1-4 ގެ ނަތީޖާއިން ޑީސީއެސްސީ ބަލިކޮށްގެންނެވެ. މި މެޗުގައި އެޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ގައުމީ ފުޓްސެލް ޓީމުގެ ގޯލްކީޕަރު އިބްރާހީމް ނާޖިހު (ހޭޓު) އެވެ. މީގެ އިތުރުން އެޓީމުގައި ޢަލީ ހައިޝަމް (ޗުމްޕު) ވެސް ހިމެނެއެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ބަރާބަރު އެފްސީ އާއި ޑީސީއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
ވާދަވެރިކޮށް ފެށިގެން އައި މި މެޗުގައި ބަރާބަރު އެފްސީން ލީޑު ނެގި ހިސާބުން އެޓީމު ކޮޅަށް މެޗު އެނބުރުނެވެ. މެޗުގައި ޑީސީއެސްސީ އަށް ޖެހުނު ހަމައެކަނި ލަނޑަކީ ކީޕަރު ހޭޓު ކުރިއަށް ނުކުމެ ހުއްޓައި އުނައިޝް އަޙްމަދު ފޮނުވާލި ބޯޅައެއް ބަރާބަރު އެފްސީގެ މުނީޒް ބޮލުގައި ޖެހިފައި ވަތް ލަނޑެކެވެ.
މުބާރާތުގެ ފައިނަލް އޮންނާނީ މާދަމާރޭ 20:30 ގައެވެ. މި މެޗު ސަން ޕްލޭ އެޕްގެ އިތުރުން އެސްއެސްޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.