ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުން މަޖިލިސް ކުރިއަށް ގެންދަންް ބޭނުންވާ ނަމަ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް ހިންގުމަށް ޓަކައި ހަދަން ޖެހޭ ގަވާއިދުތައް ހަދައިގެން މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް އިއްޔެ ދެއްވި ހާއްސަ ބަސްދީ ގަތުމެއްގައި ޝާހިދު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ސުލޫކުގެ ގަވާއިދު ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުމަށް ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ މެމްބަރުން އެ ގަވާއިދު ފާސްކުރަން ބޭނުން ނުވި ކަމަށާއި ގަވާއިދު ފާސް ކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ދެއްވާފައިނުވާ ކަމަށެވެ.

"މަޖިލީހުގެ ސުލޫކު ގަވާއިދު ދެ ފަހަރެއްގެ މަތިން މަޖިލީޙުގެ ތަޅުމަށް ގެނެސްފިން. މަޖިލީހުގެ މެމްބަރުން އެ ފާސް ކުރައްވާކަށް ބޭނުންޅެއް ނުވި. އެ ބޭނުންވާ އަދަދަކަށް ވޯޓެއް ނުލިބޭ. އަނެއްކާ ވެސް އަނބުރާ ކޮމެޓީއަށް ދަނީ. އެހެންވީމާ މަޖިލިސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ މެމްބަރުން ފާސްކުރައްވާ ގަވާއިދުތަކެއްގެ ތެރެއިން ކަމަށް ގާނޫނު އަސާސީގައި ބުނެފައި މި އޮންނަނީ. އެހެން ވީމާ ގާނޫނު އަސާސީގެ ދަށުން ހަދަން ޖެހޭ ގަވާއިދުގެ އުސޫލުތައް އަޅުގަނޑުމެން ފާސް ނުކޮށް ތިބެގެނެއް މަޖިލީހެއް ނުހިންގޭނެ، ހިންގޭނީ ފާސްކޮށްގެން، ފާސްކުރެވޭނީ މެމްބަރުންނަށް. މެމްބަރުން ބޭނުންފުޅު ނުވަންޏާ އަދި މެމްބަރުން އެކަން އެގޮތަށް ކުރައްްވަން ބޭނުންފުޅު ނުވަނީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މެމްބަރުން އެގޮތަށް ކަންތައްކުރައްވާ ނަމަ ރައްޔިތުންނަށް އެކަމާ ހިޔާލުބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ ވަގުތު ރައްޔިތުން އެކަން ނިންމާނީ ވޯޓުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޭތުވެ ދިޔަ ތިން އަހަރަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރަށް ބަލާ އިރު މަޖިލީހުގައި މަސައްކަތް ކުރަން ޖެހުނު މާހައުލަށް ބަލާ އިރު ކޮންމެވެސް ވަރެއްގެ މަސްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް މަޖިލީހުގެ ރައީސް ޙައިސިޔަތުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިޔަތުން ވެސް އެމަނިކުފާނު ހިތްހަމަޖެހޭވަރާ ގާތަށް ވެސް މަޖިލީހުގެ މަސައްކަތްތައް ކުރެވިފައި ނުވާ ކަމަށެވެ. އަދި ވޭދުވެ ދިޔަ ތިން އަހަރު މަޖިލީހުގައި މަސައްކަތް ކުރަން ޖެހުނީ ސިޔާސީ ގޮތުން ވަރަށް ހޫނު ހަރުކަށި އަދި ދަތި ޖައްވެއްގައި ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.

"މި ވޭތުވެ ދިޔަ ތިން އަހަރައް ބަލާ އިރު އަޅުގަނޑުމެން މަސައްކަތްތައް ކުރަމުން ގެންގޮސްފައި ވަނީ ވަރަށް ދަތި ވަރަށް ހަރުކަށި ވަރަށް ހޫނު ސިޔާސީ ޖައްވެއްގެ ތެރޭގައި. އެ ޖައްވުގެ ތެރެއަށް ބަލާ އިރު އަޅުގަނޑު ދަންނަވާނީ ކޮންމެސް ވަރެއްގެ މަަސައްކަތްތަކެއް ކުރެވިއްޖެ. އެހެން ނަމަވެސް އަޅުގަނޑު ހިތްހަމަ ޖެހޭ ވަރާ ގާތަށް ވެސް މަސައްކަތްތައް ކުރެވިފައެއް ނުވޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީޙުގެ ކަންތައް ކުރިއަށް ގެންގޮސް ރޭވުމުގައި މަޖިލީހުގެ ރައީސަށް ހުރިހާ ބާރުތަކެއް ދީފައި އޮތުމުގެ ބަދަލުގައި މިހާރު މަޖިލީހުގެ ގަވާއިދުގެ ދަށުންް ކޮމެޓީތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބި ދީފައިވާ ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ކަންތައް ރޭވިފައި ވަނީ މަޖިލީހުގެ ރައީސްއަކަށް ހުންނަ މީހަކު ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭނެ އުސޫލަކަށް ނޫން ކަމަށާއި އެއަށް ވުރެ މާ ފުރިހަމަ އަދި ޑިމޮކްރެޓިކްކޮށް ކަމަށެވެ.

ޝާހިދު ވިދާޅުވީ މަޖިލީޙުގެ މަސަކަތްތައް ކުރިއަށް ގެންދެވޭނީ މަޖިލީޙުގައި ހިމެނޭ ސިޔާސީ ޕާޓީތައް އުސޫލުތަކެއްގެ މައްޗަށް އެއްބަސް ވެގެން ކަމަށާއި އެއީ ކަންކަން ނިމޭނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިންކަން ގަބޫލު ކުރުން ކަމަށެވެ. އަދި ގާނޫނު އަސާސީ ވެސް ވަނީ އެ ގޮތް ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ސިޔާސީ ޕާޓީތައް އުސޫލުތަކެއްގެ މައްޗަށް އެއްބަސް ވެގެން ކުރިއަށް ގެންގޮސްގެންް. އެ އުސޫލުތަކަކީ ޑިމޮކުރެސީގެ އުސޫލުތައް. ކަންކަން ނިމޭނީ ވޯޓުންކަން ގަބޫލު ކުރުން. ހިޔާލު ތަފާތުވާނެކަން ގަބޫލުކުރަން. ތަފާތު ހިޔާލަށް ޖާގަ އޮންނަން ޖެހޭނެކަން ގަބޫލު ކުރުން. އެހެން ނަމަވެސް ގާނޫނު އަސާސީގެ އޮތްގޮތަށް ރައްޔިތުންގެ މަޖިލީހުން އެ އޮންނަނީ ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމަން ޖެހޭނީ ވޯޓުންކަން. އެ ވޯޓުގެ މައްޗަށް ކަންކަން ނިމިގެން ދާނީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާލުވީ އެއްވެސް ވަކި ފަރުދަކަށް ވަކި މެމްބަރަކަށް ވަކި ޕާޓީ އަކަށް އަދަދުތައް ނެތީއްޔާ އެ ނިންމާ ނިންމުމަކަށް ބަދަލުތަކެއް ނުގެނެވޭނެ ކަމަށާއި އެހެން ނަމަވެސް އެ ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ފުރުސަތު އަދި ރައްޔިތުންނާ ހަމައަށް އެކަންތައް ގެންދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ނުވަތަ ފަސް ކުރުމާ ގުޅޭ ގޮތުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް އަތުވެދާނެ ކަމަށް މަޖިލީހުގެ ރައީސްއަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުގެ ޖަލްސާތައް ފަސްކުރުމުގެ އިޙްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް އަށް ލިބިގެންވާ ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގެ ތެރޭގައި އެބަ ބުނޭ މަޖިލީހަށް ގެއްލުމެއް ލިބިދާނެ ފަދަ މާޙައުލެއް އަތުވެދާނެ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް މަޖިލީހުގެ ރައީސް އަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުގެ ޖަލްސާތައް ފަސްކުރުމުގެ އިޙްތިޔާރު މަޖިލީހުގެ ރައީސްއަށްދޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނެގެންގޮސް ހުއްޓާލަން ޖެހުނީ އެގޮތުގެ މަތިން ކަމަށާއި އަދި ޖަލްސާތައް ފަސްކުރުމުގެ ކުރިން ނުވަތަ ހުއްޓާލުމުގެ ކުރިން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކުގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް އެއްބަސްވެ ވަޑައިގެންނެވި ކަމަށާއި ޖަލްސާތައް ފަސް ކުރެއްވީ އެގޮތުގެ މަތިން ކަމަށެވެ. ޝާހިދު ވިދާޅުވީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަކަށް މަޖިލީހުގެ ގަވާއިދުގައި ނޮއޮންނަ ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ކުރެއްވީ މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިގެން ނަވާތީ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިދައުރުގައި މަޖިލިސް ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ ހުރިހާ މެމެބަރުން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.