ހެންވޭރު ދަނޑު ކައިރީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު އިތުރަށް ތަހުލީލު ކުރުމަށް ޓަކައި އޭނާގެ ލޭގެ ސާމްޕަލް ނެގެމަށް ފަހު ވަޅުލައިފި އެވެ. އެމީހާ ވަޅުލީ މިރޭ 10:00 ޖެހި އިރު އެވެ.


ހެންވޭރު ދަނޑުގެ އިރުމަތީ މަގުގައި ހުންނަ އޮފްޑޭ އިންގައި މަރުވެފައި އޮއްވާ ފެނުނު 28 އަހަރުގެ ފިރިހެން މިހާގެ ހަށިގަނޑު އައިޖީއެމްއެޗްގައި ޑޮކްޓަރުން ބަލާ ފާސްކޮށްފައިވާ ކަމަށާއި އޭނާގެ ބޭރުފުށުން އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.


"އެހެންވެގެން އިތުރު ކޮމްޕިލިކޭޝަންތަކެއް އުޅޭތޯ ބެލުމަށް ބްލަޑް ސާމްޕަލެއް ނެގީ، ނެގުމަށް ފަހު ބޮޑީ މިހާރު ވަޅުލައިފިން. ނެގި ސާމްޕަލް ބޭނުންކޮށްގެން ހަދަން ޖެހޭ ފޮރެންސިކް ޓެސްޓްތައް ދަނީ ހަދަމުން" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.


ޝިޔާމް ވިދާޅުވީ މަރުވެފައި އޮތީ އައްޑު އަތޮޅު ރަށެއްގެ މީހެއް ކަމަށާއި އެ މީހާގެ ނަމާއި އިތުރު މައުލޫމާތު އާންމު ކުރާނީ މިރޭ ނެގި ލޭގެ ސާމްޕަލްގެ ޓެސްޓަށް ފަހުގައި މާދަމާ ކަމަށެވެ. އެމީހާގެ ނަން ހާމަ ނުކޮށް ލަސް ކުރަން ޖެހޭ ސަބަބެއް ކަމަށް ފުލުހުން ބުނީ އޭނާއާ ބެހޭ މައުލޫމާތު އަދި އާއިލާގެ ބައެއް ފަރާތްތަކަށް އެންގިފައި ނުވުމާއި ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ކުރަމުން އަންނާތީ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ހަށިގަނޑު ވަޅުލާފައި ވަނީ އާއިލާއިން ކޮންމެހެން އަންގަން ޖެހޭ ފަރާތްކަށް އެންގުމަށް ފަހު ކަމަށެވެ.


މަރުވެފައި އޮއްވާ ފެނުނު މީހާ އޮފްޑޭ އިން ގެސްޓް ހައުސް އަށް ޗެކިންކުރީ އިއްޔެ މެންދުރު އެވެ. އެ ގެސްޓް ހައުސް އިން ބުނީ އޭގެ ފަހުން އޭނާ ބޭރުން ނުފެންނަ ކަމަށެވެ. ފުލުހުން ވަތްއިރު އޭނާ މަރުވެފައި އޮތީ އެނދުމަތީގައި ކަމަށް ވެސް ގެސްޓް ހައުސް އިން ވާހަކަ ދެއްކި މީހާ ބުންޏެވެ. މިއަދު މެންދުރު ލުހުން ގޮސް އެ މީހާ އެމްބިއުލާންސަށް ލީއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަރުވެފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.


ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލުމާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހުންތަކެއް، މީގެ ދުވަސްކޮޅެއް ކުރިން ވަނީ މި ގެސްޓް ހައުސް އިން ފެނިފަ އެވެ.