ވަޅިން ހަމަލަދީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުން މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މަޖިލީހުގެ ހުރިހާ މެމްބަރުން ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުވެރިވެ، އެކަތިގަނޑަކަށް ވުމަށް މަޖިލިސް ރައީސް އަބްދުލްﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭގައި ހޮސްޕިޓަލްގައި ހުންނަވައިގެން ރޭ މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެ އަނިޔާވެރި އަމަލުގެ ފަހަތުގައިވާ ބަޔަކު ތަހުގީގީ އިދާރާތަކުން އަވަހަށް ތަހްގީގުކުރައްވައި އެފަދަ ކަމެއް އަލުން ތަކުރާރު ނުވާނެ ގޮތަކަށް އެންމެން މަސައްކަތް ކުރަންވެއްޖެ ކަމަށެވެ.

"އަޅުގަނޑު އެދެނީ މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މަޖިލީހުގެ ހުރިހާ މެންބަރުން އެކަތިގަނޑަކަށްވެ މި ވަގުތުން ވަގުތަށް ވެސް ގާނޫނީ ގޮތުން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް. އެކުވެރިވުމަށް، އެކަތިގަނޑަކަށް ވުމަށް. އަދި މި އަނިޔާވެރި އަމަލުގެ ފަހަތުގައިވާ ބަޔަކު، އަޅުގަނޑުމެންގެ ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އަވަހަށް ތަހްގީގުކުރައްވައި ހޯއްދަވައިދެއްވުން. މިފަދަ ކަމެއް އަލުން ތަކުރާރު ނުވާނެ ގޮތަކަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުން،" ޝާހިދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަފްރާޝީމް އަލީ އަވަހާރަކޮށްލުމުން އެ ގެއްލިގެން ދިޔައީ އަގުހުރި ދިވެހި އިލްމީ ދަރިއެއް ކަމަށާއި އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރައްވާ ކަމަށެވެ. އަދި އަފްރާޝީމަކީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ވަރަށް އިހްލާސްތެރިކަމާ އެކު ބައިވެރިވަމުން ގެންދެވި ބޭފުޅެއް ކަމަށާއި އޭނާގެ ބައިވެރިވެރިވުން މަޖިލީހުގެ މަސައްކަތްތަކުގައި އިންތިހާއަށް ލިބިގެން ދިޔަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިހިތާމަ އަޅުގަނޑު ފާހަގަކުރަނީ ގައުމީ ހިތާމައެއްގެ ގޮތުގައި އަދި މި ފުރުސަތުގައި އަފްރާޝީމް، މަރްހޫމް އަފްރާޝީމް އެ ދާއިރާ އިން ގުޅިވަޑައިގެންފައިވާ އުނގޫފާރު ދާއިރާގެ އެންމެހާ ރައްޔިތުންނަށް ވެސް އަޅުގަނޑުގެ އިހްލާސްތެރި ތައުޒިއާ ދަންނަވަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަފުރާޝީމް އަވަހާރަކޮށްލާފައި ވަނީ ރޭ ގާތްގަނޑަކަށް 1:15 ކަންހާއިރު ޓީވީއެމްގައި އޮތް ޕްރޮގްރާމެއް ނިންމަވާފައި ގެޔަށް ވަޑައިގަތް މަގުމަތީ ގޭގެ ސިޑި މަތިން ކަމަށް ލަފާ ކުރެވެ އެވެ. އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފައިވާ އިރު، ގައުމީ ދިދަ ތިން ދުވަސް ވަންދެން ބައި ދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމާފަ އެވެ.