02 Oct 2012, 10:47
ރާއްޖޭގައި އިންސާނީ ފުރާނައިގެ ކަރާމާތް ނެތި، ކުޑަކުދީންނާއި، މީހުންގެ ލޯބި ލިބިގެންވާ ދީނީ ޢިލްމުވެރީންނަށް ދާންދެން އަނިޔާވެރި، ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަށް ވެގެން ދިޔުމަކީ މި ޤައުމުގެ ދެމިއޮތުމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އުއްތަމަ ފަޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް އަވަހަރާކޮށްލުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ފާއިޒް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މަޢުޞޫމު އެންމެ ފުރާނައެއް ވެސް ޙައްޤު ނޫން ގޮތުގައި ޤަތުލުކޮށް ނައްތާލުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކޮށް ނައްތާލުމަކީ ފަދަ ނުބައި ޢަމަލެއް ކަމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އިރު، މިފަދަ ނުބައި ޖަރީމާތައް ހިންގާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާކަމީ މިއަދު މުޅި ޤައުމު އެކަމާ ހިތާމަކޮށް ފިކުރުކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މުޅި ގައުމު މިކަމާ މެދު ވިސްނައި، ސަމާލުވާން ޖެހިއްޖެ ކަމަށެވެ.
"މަޢުޞޫމު އެންމެ ފުރާނައެއް ވެސް ޙައްޤު ނޫން ގޮތުގައި ޤަތުލުކޮށް ނެއްތައިލުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކޮށް ނެއްތައިލުން ފަދަ ނުބައި ޢަމަލެއް ކަމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އިރު، މިފަދަ ނުބައި ޖަރީމާތައް ހިންގާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާކަމީ މިއަދު މުޅި ޤައުމު އެކަމާ ހިތާމަކޮށް ފިކުރުކުރަން ޖެހޭ ކަމެކެވެ. އިންސާނީ ފުރާނައިގެ ކަރާމާތް ނެތި، ކުޑަކުދީންނާއި، މުޖުތަމަޢުގައި ޤަދަރާއި ލޯބި ލިބިގެންވާ ދީނީ ޢިލްމުވެރީންނަށް ދާންދެން މިފަދަ އަނިޔާވެރި، ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަށް ވެގެން ދާން ފެށުމަކީ މި ޤައުމުގެ ދެމިއޮތުމަށް ހުރި ބޮޑު ނުރައްކަލެކެވެ. އެހެންކަމުން މުޅި ޤައުމު މިކަމާ މެދު ވިސްނައި، ސަމާލުވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ނޫނީ މީހަކުވެސް އެންމެން ގުޅިގެން މަސައްކަތްކޮށް ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ފާއިޒު ވަނީ ގޮވާލައްވައިފަ އެވެ. އަފްރާޝީމް ސިފަކުރައްވަމުން އެ ބަޔާނުގައި ފާއިޒް ވިދާޅުވެފައިވަނީ؛ "ޑރ. އަފްރާޝީމް ޢަލީއަކީ ދިވެހިރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ދީން އުނގަންނަވައިދެއްވައި، ދީނީ ޢިލްމު ފެތުރުއްވުމަށް ވަރުބަލިކަމެއް ނެތި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ޙައިޡިއްޔަތުން ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ވެސް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރައްވައި، ޤައުމުގެ ކަންކަން އިޞްލާޙު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ބުރަ މަސައްކަތްތަކެއް ކުރެއްވި، ޤައުމީ ޚިދުމަތުގެ ދާއިރާގައި ކުރިޔަށް ނުކުމެވަޑައިގެން ހުންނެވި ބޭފުޅެއް،" ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެފަދަ ގޮތަކަށް އެމަނިކުފާނު ވަކިވެވަޑައިގަތުމަކީ ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.
ބަޔާން މެދުވެރިކުރައްވާ ފާއިޒް ވަނީ އަފްރާޝީމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ؛
"ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީއަށް ރޭގެ ވަގުތެއްގައި ވަޅިން ޙަމަލަދީ، ވަރަށް އަނިޔާވެރި، ރަޙުމުކުޑަ ގޮތެއްގައި ޝަހީދު ކޮށްލާފައި ވާތީ، އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ޑރ. އަފްރާޝީމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވައި، ރަޙުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ."
އަފްރާޝީމް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައި ވަނީ ޓީވީއެމްއިން ރޭ ގެނެސްދިން، "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމްގައި ވާހަކަ ދެއްކެވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައި އިސްލާމީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވައި ހ. ފުންފިލްގޭ ސިޑީކައިރީގަ އެވެ.