މޮސްކޯ (އޮކްޓޯބަރ 2): މާތްވެގެންވާ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ (ސޢވ) އަށް އިހާނާތާއި ފުރައްސާރަކުރާ އެމެރިކާގެ ފިލްމު "އިނޮސެންސް އޮފް މުސްލިމްސް" ދެއްކުމާއި ބޭނުންކުރުން ރަޝިޔާގައި މަނާކޮށްފި އެވެ.

މިފިލްމު މަނާކުރުމުގެ ގޮތުން ރަޝިޔާގެ ކޯޓަކުން ނެރުނު ބަޔާނެއް ބުނީ މިއީ ފިތުނައަށް މަގުފަހިކުރާ ހައްދުފަހަނަޅާފައިވާ ފިލްމެއް ކަމަށާއި އިންސާނުންގެ ތަބީޢީ ސުލޫކާ މިފިލްމު ފުށުއަރާކަމުގަ އެވެ. މިބަޔާން ނެރުނު ރަޝިޔާގެ ކޯޓުގެ ތަރްޖަމާނާ ގްރިޑްނިވާ ވިދާޅުވީ ރަޝިޔާގައި ބެލުމާއި ވިއްކުން މަނާ ފިލްމުތަކުގެ ލިސްޓަށް "އިނޮސެންސް އޮފް މުސްލިމްސް" މިހާރު ލާފައިވާކަމުގަ އެވެ. ރަޝިޔާގެ ޖަސްޓިސް މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ރަޝިޔާގައި ބެލުމާއި ވިއްކުން މަނާ ފިލްމުތަކުގެ ލިސްޓުގައި ހިމެނެނީ ހައްދުފަހަނަޅާފައިވާ ޚިޔާލުގެ ފިލްމުތަކާއި އެފިލްމެއްގެ ސަބަބުން ޤައުމުގައި ހަމަނުޖެހުން ހިނގާފާނެ ކަމަށް ބެލެވޭ ފިލްމުތަކުގެ އިތުރުން ޤައުމީ ސަލާމަތަށް ނުރައްކާވާ ފިލްމާއި ވީޑިޔޯ އެވެ.

ރަޝިޔާގެ މުސްލިމުން ވެސް ވަނީ މިފިލްމާ ދެކޮޅަށް މުޒާހަރާކޮށް އިޙްތިޖާޖްކޮށްފަ އެވެ. ރަޝިޔާގެ އިތުރުން ބްރަޒީލްގެ ޝަރުޢީ ދާއިޜާއިން ވެސް ވަނީ "އިނޮސެންސް އޮފް މުސްލިމްސް" އެޤައުމުގައި ދެއްކުމާއި ބެލުމާއި ވިއްކުން މަނާކޮށްފަ އެވެ. މިސްރުގެ ނަސޯރާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތަކު އިސްކޮށްހުރެގެން އުފައްދާފައިވާ މިފިލްމަކީ މުސްލިމުންނާ އިދިކޮޅު އެތައް ފަރާތްތަކެއް އެކަމުގެ އަޑީގައި ތިބެގެން މުސްލިމުންނަށް ޖެއްސުން ކުރުމުގެ ބޮޑު ރޭވުންތަކެއްގެ ތެރެއިން އުފައްދާފައިވާ ފިލްމެއް ކަމަށް މިކަމާ ބެހޭ އަދަބިއްޔާތު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
މިގޮތުން މުސްލިމުންނާ އަދި އިސްލާމް ދީނާ މެދު ތާރީޚީ ޢަދާވާތްތެރިކަން އޮންނަ ހައްދުފަހަނަޅާފައިވާ ނަސާރާ އަދި ޔަހޫދީ ޒަޔަނިސްޓުން މިކަމުގެ ފަހަތުގައި ތިބިކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)