02 Oct 2012, 09:52
ލަންޑަން (އޮކްޓޯބަރ 2): ހަނދުގެ އަލިކަމަށްވުރެ 15 ގުނަ އަލިކަން ހުންނަ ބޮޑު ދުންތަރިއެއް (ކޮމެޓެއް) ބިމާ ވަރަށް ގާތުން އަންނަ އަހަރު ދަތުރުކުރާނެ ކަމަށް ފަޒާއާބެހޭ ރަޝިޔާގެ ސައެންސްވެރިން ހާމަކޮށްފިއެވެ.
ރަޝިޔާގެ ސައެންސްވެރިންނާ ހަވާލާދީ ލަންޑަންގައި ނުކުން "ޑެއިލީ މެއިލް" ނޫސް ބުނިގޮތުގައި މިދުންތަރިބިމާ އެންމެ ގާތުން ދަތުރުކުރާނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާ މިމުއްދަތުގައި މި ދުންތަރި ދަތުރުކުރަމުންދާތަންއިންސާނުންގެ ހަމަލޮލަށް ފެންނާނެކަމުގައެވެ. "އޭސަން" ގެނަމުން ނަންދެވިފައިވާ މިދުންތަރި ހޯދާފައިވަނީ "އިންޓަރނޭޝަނަލް ސެއެންޓިފިކް އޮޕަޓިކަލް ނެޓްވާކް" ބޭނުންކޮށްގެން ރަޝިޔާގެ ސެއެންސްވެރިންގެ ޓީމަކުންނެވެ.
މި ދުންތަރި ދަތުރުކުރާނީ އިރުގެ ސަތަޙާ 3.2 މިލިޔަން ކިލޯމީޓަރު ދުރުގައިވާ އޯބިޓަކުން ކަމަށްވެސް ރަޝިޔާގެ ސެއެންސްވެރިން ބުނެއެވެ. 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު މިދުންތަރިބިމާގާތުން ދަތުރުކުރާނީ އިރާ ދިމާއަށް ކަމަށާ އެދުވަސްވަރު އިންސާނުންގެ ހަމަލޮލަށް މީގެ އަލިގަނޑު ވަރަށް ރީތިކޮށް އެތަށް ދުވަހަކު ފެންނަން ހުންނާނެ ކަމަށްވެސް ޚަބަރުލިބެއެވެ.
"އޭސަން" ގެނަމުން ނަންދެވިފައިވާ މިދުންތަރި އުފެދިފައިވަނީ ސޯލާ ސިސްޓަމުން ބޭރުގައި ކަމަށް ސައެންސްވެރިން ލަފާކުރެއެވެ. އަދި މި ދުންތަރި އުފެދިފައިވަނީ ގަނޑުފެނުގެ ބޮޑު ތޫފާނެއްގެ ތެރެއިން އުފެދުނު "އޯޓް" ނަމަކަށް ކިޔާ ބިޔަ ވިލާގަނޑަކުން ކަމަށްވެސް ސައެންސްވެރިން ލަފާކުރެއެވެ. ކަވްނުގައި މި ބިޔަ ވިލާގަނޑު އުފެދިފައިވަނީ އިރާއި ބިމާ ދެމެދުގައިވާ ދުރުމިނުގެ ފަންސާސް ހާސް ގުނަ ދުރުގައިވާ ހިސާބެއްގައި ކަމަށްވެސް ސައެންސްވެރިން ލަފާކުރެއެވެ. "އޭސަން"ދުންތަރި މިހާރު ދަތުރުކުރަމުންދަނީ ޖުޕިޓާ ޕްލެނެޓްގެ ފަހަތުން ކަމަށްވެ އެވެ. (ޑެއިލީ މެއިލް)