Last Updated: 1 decade 3 year ago
ޓީވީއެމްއިން ރޭ 10 އިން 11އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ "އިސްލާމީ ދިއުޅުން" ޕްރޮގްރާމްގައި "ސާފު އަގީދާއެއްގެ ބޭނުންތިރިކަން" މި މައުޟޫއަށް އިންސާފު ކުރެއްވުމަށް ފަހު ގެއަށް ވަޑައިގެންނެވި ވަގުތު އަވަހާރަކޮށްލާފައިވާ އަފުރާޝީމް ފަސްދާނުލާފައިވަނީ ތިން ބަޑީގެ ސަލާމަކާއެކު މިއަދު ހަވީރު 4:30 ހާއިރު އާސަހަރާގަ އެވެ. ސަހަރާއަށް ގެންދިޔަ ވަގުތު އެސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވެ އެވެ. އަދި ނައިބް ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އާއި މަޖިލީހުގެ ރައީސް އަބުދުލްﷲ ޝާހިދު ގެ އިތުރުން މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއް ފުލުހުންނާއި ސިފައިން ބައިވެރިވި އެވެ.
ރޭ ދަންވަރު 1:10 އެހާކަންހާއިރު އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ސިޑިކައިރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ޑރ.އަފުރާޝީމްގެ މޫނުދެއްކުންއޮތީ މިއަދު 12:00 ޖެހިއިރުން ފެށިގެން އިސްލާމީ މަރުކަޒުގަ އެވެ. ޑރ. އަފުރާޝީމްގެ މޫނު ބެލުމަށް ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އިސްލާމީ މަރުކަޒަށް ވަޑައިގެންފައި ވެއެވެ. އަދި މި ސަރުކާރުގެ ވަޒީރުންނާއި ކުރީ ސަރުކާރުގައި ވަޒީރު ކަން ކުރެއްވި ބައެއް ބޭފުޅުން ވެސް ޑރ. އަފުރާޝީމްގެ މޫނު ބަލަން ވަޑައިގެންނެވި އެވެ. ޑރ. އަފުރާޝީމްގެ މައްޗަށް ކަށުނަމާދު ކޮށްދެއްވީ މިއަދުގެ އަސުރު ނަމާދަށްފަހު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމެވެ.
ޑރ. އަފުރާޝީމްގެ މޫނުބެލުމަށް ގިނަ އަދަދެއްގެ މީހުން ގޮސްފައިވާއިރު މޫނުބެލުމަށް ޑރ. އަފުރާޝީމުގެ މަންމަ އާއި ބައްޕައާއި އަންހެނުންގެ އިތުރުން ތިން ދަރިންވެސް އިސްލާމީ މަރުކަޒަށް ދިޔަ އެވެ.
ހަމަލައަށް ފަހު އަފްރާޝީމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ އަވަހާރަ ވެފަ އެވެ. އޭނާއަށް ހަމަލާދީ އަވަހާރަ ކޮށްލާފައިއޮއްވާ ފުރަތަމަ ފެނުނީ އަނބިކަބަލުންނަށެވެ. އޭނާ ބުނެފައިވަނީ އަފުރާޝީމުގެ ބޮލުގެ ނާށިގަނޑުން ބައެއް ވަކިވެފައިވާ ކަމަށާއި ބުރަކައްޓާ ދިމާއިން ވެސް ހަމަލަ ދީފައި ހުރި ކަމަށެވެ.
ޑރ.އަފުރާޝީމްގެ މަރުގެ ހާދިސާ ސަރުކާރާއި ސިޔާސީ ޕާޓީތަކުން ދަނީ ކުއްވެރި ކުރަމުންނެވެ.
މި ދަށުދަރަޖައިގެ ނާތަހުޒީބީ ޢަމަލު ހިންގި ފަރާތްތައް ވީއެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ޙާޟިރުކޮށް، މިފަދަ ފަރާތްތަކަށް ދެވެންއޮންނަ އެންމެ ހަރުކަށި އަދަބުދީ، އަދި މުޅި ޤައުމުގައި ޢާއްމުވަމުންމިދާ މިފަދަ ނުރައްކާތެރި، ނާތަހުޒީބީ ކަންކަމާދެކޮޅަށް ދިވެހި އެންމެހާ ރައްޔިތުން ތެދުވުމަށް މިފުރުޞަތުގައި މިޕާޓީން ގޮވާލަމެވެ.
ދިވެހިރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ގޮވައިލަނީ ޑރ. އަފްރާޝީމް ޝަހީދު ކޮށްލުމުގެ ނުބައި ޖަރީމާ ހިންގި މީހަކު ނުވަތަ ބަޔަކު ޢަދުލުއިންޞާފުގެ ކުރިމައްޗަށް ގެންނެވުމަށްޓަކައި ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވުމަށެވެ. މަޢުޞޫމު އެންމެ ފުރާނައެއް ވެސް ޙައްޤު ނޫން ގޮތުގައި ޤަތުލުކޮށް ނެއްތައިލުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކޮށް ނެއްތައިލުން ފަދަ ނުބައި ޢަމަލެއް ކަމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އިރު، މިފަދަ ނުބައި ޖަރީމާތައް ހިންގާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދާކަމީ މިއަދު މުޅި ޤައުމު އެކަމާ ހިތާމަކޮށް ފިކުރުކުރަން ޖެހޭ ކަމެކެވެ. އިންސާނީ ފުރާނައިގެ ކަރާމާތް ނެތި، ކުޑަކުދީންނާއި، މުޖުތަމަޢުގައި ޤަދަރާއި ލޯބި ލިބިގެންވާ ދީނީ ޢިލްމުވެރީންނަށް ދާންދެން މިފަދަ އަނިޔާވެރި، ލާއިންސާނީ ޢަމަލުތަކުގެ ޝިކާރައަށް ވެގެން ދާން ފެށުމަކީ މި ޤައުމުގެ ދެމިއޮތުމަށް ހުރި ބޮޑު ނުރައްކަލެކެވެ. އެހެންކަމުން މުޅި ޤައުމު މިކަމާ މެދު ވިސްނައި، ސަމާލުވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި، ރަޙުމްކުޑަ ގޮތެއްގައި އަވަހާރަކޮށްލި ޚަބަރު އަޅުގަނޑަށް ލިބުނީ ފުން ހިތާމައާއި އަސަރާއެކުގައެވެ. މިޢަމަލަކީ، އަނިޔާވެރިކަމާއި، ރަޙުމްކުޑަކަމުގެ ހަޑިމުޑުދާރު، ދަށު ދަރައިޖައިގެ ޢަމަލެކެވެ. އަދި، މިޢަމަލު، އެންމެ ހަރުކަށި ޢިބާރާތުން އަޅުގަނޑު ކުށްވެރިކުރަމެވެ. މިޖަރީމާ ހިންގި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެވޭނެއެވެ.
ފުން ހިތާމައިގެ މިދަނޑިވަޅުގައި، މަރްޙޫމް އަފްރާޝީމް ޢަލީގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢްޒިޔާ ދަންނަވަމެވެ. ހިތާމައިގެ މިވަގުތުގައި، މަރްޙޫމްގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރުޞަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
ޑރ. އަފްރާޝީމްގެ ހަށިގަނޑު އޭޑިކޭ އިން ފުރަތަމަ ގެންދާނީ އާ ސަހަރާ އަށް. އާ ސަހަރާއިން ހިނަވައި ކަފުންކޮށްގެން ދެން ގެންދާނީ އިސްލާމީ މަރުކަޒަށް. މޫނު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި.
"މިއީ ވަރަށް ބޮޑު ޖަރީމާއެކޭ ވަރަށް ބޮޑު ކުށެކޭ ބަޔަކު މިކުރީ. މިއީ ދިވެހިރާއްޖޭގެ އަމަންއަމަންކަމާއި ސުލްހަ މަސަލަސްކަން ނަގާލުމަށް ބަޔަކު ކުރިކަމެކޭ. ޑރ. އަފްރާޝިމް އަލީ އަކި ވަރަށް ގިނަ ގޮތުން ވަރަށް މޮޅު ބޭފުޅެއް. އެމަނިކުފާނަކީ ދިނީ އިލްމުގެ ރޮނގުން ވަރަށް މޮޅަށް ކިޔަވައިގެން ހުރި ބޭފުޅެއް އެއީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނެތް ފެންވަރުގެ އިލުމެވެރި އެއް. އެހާ ބޮޑު ޚިދުމަތްތެރިއެއް. އެމަނިކުފާނުގެ އިލުމް މީސްތަކުންނަށް އުނގަންނައިދެއްވުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް. ޓިވީގެ ޒަރީއައިންނައި އެނޫން ގޮތް ގޮތުން ވެސް. އަދި ކިޔަވައިދެއްވުމުގެ ގޮތުން ވެސް. ވަރަށް މޮޅު އުސްތާޒެއް މުދައްރިސެއް. މިހުރިހާ ގޮތަކުން ގެއްލިގެން މިދިޔައީ ޚިދުމަތްތެރި އެއް އިލުމުވެރިއެއް އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރަން. އެކަމެއް ކުރަން ކުރި ބަޔަކު ވަރަށް ބޮޑަށް ކުށްވެރިކުރަން. އިރާދަކުރެއްވިއްޔާ މާތްﷲ ގެ ވާގިފުޅާއެކު އެބަޔަކު ފެންނާނެ، ހޯދޭނެ. އަދި އެބަޔަކަށް ހައްގު އަދަބު ޝަރީއަތުގެ ފަރާތުން ދެއްވާނެ،"
ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ޖާގަ ދީގެން ނުވާނެ. މިކަން ކޮޅެއްގައި ޖެހެންދެން ލޯ އެންފޯސްމެންޓްގެ މީހުން މި ތަހުގީގު ހުއްޓަައިނުލައި ކުރިޔަށް ގެންދަން ޖެހޭނެ. މީ ފެށުމަކަށް ވެގެން ނުވާނެ. މިކަން ހުއްޓުވެން ޖެހޭނެ.
މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ކުއްލި ހިތާމައެއްގައި. މި ޚަބަރު ލިބުމުން ވީ ކުއްލި ޝޮކަކަށް. މީ ކެތްތެރިކަން އިސްކުރަން ޖެހޭ ވަގުތެއް.
Condemn the brutal killing of Dr. Afrashim. Will utilise all resources toapprehend the murderer(s). If any info plse contact @policemv.
— Abdulla Riyaz (@riyazabdulla)October 2, 2012
ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި ހާދިސާއާ ގުޅޭ ގައުމީ ތަހުގީގެއް ހިންގަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެދިވަޑައިގެންފައި. މިއީ ރާވައިގެން ހިންގާފައިވާ ހާދިސާއެއް. މި އަނިޔާވެރި ޢަމަލު ހިންގި މީހުން ތަހުގީގުގެ ކުރިމައްޗަށް ގެންނާނަން. އެ މަސައްކަތް ފުލުހުން ފަށައިފިން.