މި އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގާފައިވާ މަލީޝާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ވެރިޔާ ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބްއިންސްޕެކްޓާ ހަސަން ހަނީފް މިރޭ ވިދާޅުވީ ހުޅުމާލެ، އާފިނިވިލާ، އިސްމާއިލް އަބްދުލްލަތީފު 42، އާ ބެހޭ މައުލޫމާތު މީގޭ ދެ ދުވަހެއް ކުރިން އިންޓަޕޯލާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އިންޓަޕޯލުން ނެރެފައިވާ ނޯޓިސްގައި ބުނެފައި ވަނީ، އިސްމާއިލް އަބްދުއްލަތީފު ހޯދަނީ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އިސްމާއިލް އަބްދުއްލަތީފަކީ ރާއްޖޭގައި ފުރަތަމަ ގްރޫޕް ހަދައިގެން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ހިންގެވި، މަޝްހޫރު އަތަމާ ހައްޖު ގްރޫޕްގެ ވެރިޔާ އަތަމާ އަބްދުއްލަތީފުގެ ދަރިކަލެކެވެ.

މަލީޝާ ގްރޫޕޫން 175 މީހެއްގެ އަތުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނަގާފައިވާ އިރު އޭގެތެރެއިން ބައެއް މީހުން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

ހައްޖަށް ނުދެވުނު މީހުންގެ އާއިލާތަކުން ސަން އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ޖަމައާތަށް 68000ރ. ދައްކާފައިވާ ކަމަށާއި ފައިސާ ދެއްކީ ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން އެ ޖަމައަތުން ދިނުމުން ކަމަށެވެ. އަދި ބުނީ އެ ޖަމާއަތުން ދީފައި ހުރި ނަމްބަރުތަކަށް މިހާރު ނުވެސް ގުޅޭ ކަމަށެވެ. އެ ޖަމާއަތުގެ އޮފީސް ވެސް ބަންދުކޮށް ނަންބޯޑު ވެސް ނަގާފައިވާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

އެ ޖަމާއަތުން މީހުން ހައްޖަށް ގެންދިޔުމަށް މަސައްކަތްކޮށްފައި ވަނީ ސްރީލަންކާ އަށް ލިބިފައިވާ ހައްޖު ކޯޓާގަ އެވެ. ނަމަވެސް އެހެން ގައުމެއްގެ ކޯޓާއެއްގައި ދިވެހިން ހައްޖަށް ގެންދިޔުމަކީ މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަލީޝާ ހައްޖު ގްރޫޕަކީ މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ އޮންނަ ޖަމާއަތެއް ނޫން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަލީޝާ ހައްޖު ޖަމާއަތުން ނެގި ފައިސާގެ ޖުމްލަ 11.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.