01 Oct 2012, 22:37
ލޯންޗަކުން މިރޭ މާލެ ބާލަން އުޅުނު ބަނގުރާ ފުޅިތަކަކާ އެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ މާލޭ ހުޅަނގުދެކުނު ހާބަރު ތޮށި ކައިރިއަށް މިރޭ 8:20 އެހާކަންހާއިރު ކައިރިކުރި ލޯންޗަކުން 45 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި އެ ލޯންޗުގައި އޮތް ގޯންޏެއްގެ ތެރެއިން 44 ފުޅި ފެނުނު އިރު އެއް ފުޅި ފެނިފައި ވަނީ ލޯންޗު ތެރެއިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހޯދި ފުޅިތަކަކީ ކޮންތާކުން މާލެ ގެނައި ފުޅިތަކެއްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ތަފާތު އެކި ބްރޭންޑްތަކުގެ ލޭބަލް ހުރި އެ ފުޅިތައް ހުރީ ނުކަނޑައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނެނީ އުމުރުން 28 އަހަރުގެ ދެ މީހަކާއި 26 އަހަރުގެ ދެ މީހެއްގެ އިތުރުން 20 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުންގެ ތެރޭގައި ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިން ހިމެނެ އެވެ.