ޒުވާން ފޯވާޑް އަލީ ފާސިރު (ސެންޓޭ) މެޗުގެ ދެ ވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑުން މާޒިޔާ އަތުން ވިކްޓަރީ މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވުނު އިރު، މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ މާޒިޔާގެ ގޯލަށް ނުކުރައްކާތެރި ދެތިން ހަމަލައެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް މާޒިޔާގެ ޒުވާން ގޯލްކީޕަރު އިމްރާން ވަނީ ވިކްޓަރީގެ ހަމަލަތައް ދިފާއުކޮށްފަ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ވެސް ވިކްޓަރީގެ ގޯލަށް ނުރައްކާ ކުރި ކަމުގައި ވިޔަސް، އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފިފައެއް ނުވެ އެވެ.

ލީގުގައި އަދި ބާކީ އެއް މެޗު ދެ ޓީމަށް ވެސް ކުޅެން އޮތް އިރު، މެޗުން މާޒިޔާ ބަލިވި ކަމުގައި ވިޔަސް އެޓީމް އޮތީ 35 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގަ އެވެ. އަދި މިއަދުގެ މެޗް ކާމިޔާބު ކުރި ވިކްޓަރީ އޮތީ 34 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނާގަ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ހެޑް ކޯޗު އަލީ ސުޒޭން ބުނީ ކުޅުންތެރިން ކުރި މަސައްކަތާއި މެޗުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި މިމެޗަކީ ކުޅެން ޖެހޭ މެޗަކަށް ވާތީވެ ކުޅެލި މެޗެއް ކަމަށެވެ. އަދި ސެންޓޭ ކާމިޔާބުރި ލަނޑާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ސުޒޭން ވުންޏެވެ.

"ސެންޓޭގެ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. އޭނާ ކާމިޔާބު ކޮށްދިނީ ރީތި ލަނޑެއް. މާޒިޔާ އަތުން މޮޅެއް ހޯދުމުން އެފްއޭކަޕްގައި އެޓީމާ ދެކޮޅަށް ނިކުނައިރު އަހަރުމެންނަށް އިތުރު ހިތް ވަރެއް ލިބިއްޖެ." ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މެޗުން ބަލިވި ނަމަވެސް ޓީމުގެ ކުޅުން ގޯސް ނޫން ކަމަށެވެ. އަދި ކުޅުންތެރިން މެޗު ނިމެންދެން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށް ވެސް އިންމަ ބުންޏެވެ.

ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ. އެ ދުވަހުގެ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި އޭވައިއެލް އެވެ. މެޗް ފަށާނީ 4:00 ޖަހާއިރު އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ލީގުގެ ދެ މެޗެއް ކުޅޭ އިރު، އެ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ވިކްޓަރީ އާއި ވީބީ އެވެ. އަދި ރޭގަނޑު 9:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ނިއު އާއި މާޒިޔާ އެވެ.