01 Oct 2012, 21:52
ރާއްޖޭގައި ޓީޗަރުން ތަމްރީނު ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފުރަތަމަ ކޮންފަރެންސް "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 2012" މިއަދު އިފްތިތާހްކޮށްފި އެވެ.
ޤައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ފެއްޓި ކޮންފަރެންސްއާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޮންފަރެންސުން ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެވި ޓީޗަރުން ކިޔަވައި ދިނުމުގައި ހޯދާފައި ހުރި ތަޖުރިބާތަކާއި ތައުލީމީ ދާއިރާގައި ހޯދާފައި ހުރި ހޯދުންތައް ހިއްސާ ކުރާނެ ކަމަށެވެ.
މި މަހުގެ 1- 3 އަށް ޤައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި އޮންނަ އެ ކޮންފަރެންސްގައި ބޭރު ޤައުމުތަކުގެ ތަޖުރިބާކާރުން ބައިވެރިވެ، އެ ބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ ކަރުދާސްތައް ހުށަހަޅުއްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. އަދި އުނގަންނައި ދިނުމުގެ ތަފާތު މައްސަލަތަކާ ގުޅޭ 31 ކަރުދާހެއް ހުށަހަޅައި އެ ކަރުދާސްތަކާ ގުޅޭގޮތުން ޚިޔާލުފާޅުކޮށް މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ކޮންފަރެންސް އިފްތިތާހްކޮށް ދެއްވީ ދިވެހި ރާއްޖޭގެ ނާއިބު ރައީސް މުހައްމަދު ވަހީދުއްދީނެވެ. އެ މަނިކުފާނު އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީއެއް ގާއިމު ކުރުމުގައި ވެސް ޓީޗަރުންގެ ވަރަށް ބޮޑު ރޯލެއް އެބައޮތް ކަމަށާއި އެގޮތުން ޕޮލިޓިކަލް ސައިންސާއި ޑިމޮކްރެސީ އަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގައި ވެސް އެކަން ފެށިގެން ދާނީ އެންމެ ފުރަތަމަ ޓީޗަރުންނާ ހަމައިން ކަމަށެވެ. އަދި ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކޮށްދެއްވަން ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖޭ އާއި ރާއްޖެ އިން ބޭރުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޖުމްލަ 85 ތަޖުރިބާކާރުން ބައިވެރިވާ މި ކޮންފަރެންސުގެ ހުރިހާ ދަންފަޅިތަކެއް ވެސް ޗެއާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަންނީ ތަޖުރިބާ ހާސިލް ކުރައްވައިގެން ތިއްބެވި ތަޖުރިބަކާރު ބޭފުޅުން ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.