މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުއިއްޒުގެ ދައުވަތަށް އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެއަށްފަހު މިއަދު ހެނދުނު ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެމަނިކުފާނަށް ރަސްމީ އިއްޒަތުގައި ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެއަށްފަހު މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާގައި އެމަނިކުފާނު ވަނީ ރާއްޖެއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުން ވީ އެންމެ އަވަހަށް ނިންމުމަށްޓަކައި، ބޭންކް ނެގާރާ މެލޭޝިއާއާއި އެމްއެމްއޭ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި އެކަމުގެ އިންތިޒާމުތައް އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަކިވަކިން ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިހާރު 58 އަހަރު ފުރިފައިވާއިރު، މިއީ ދެ ޤައުމުގެ ސަރުކާރުގެ އިތުރުން ރައްޔިތުންގެ މެދުގައިވެސް ވަރަށް ބަދަހި އަދި ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. މަތީ ފަންތީގެ މިފަދަ ޒިޔާރަތްތަކުގެ ސަބަބުން ދެ ޤައުމުގެ ތަރައްޤީގެ އެކި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.