ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާ ފެއާ، މަސީ ބިލްޑް އެކްސްޕޯ އަންނަ ޖެނުއަރީ މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެ އިވެންޓް އޯގަނައިޒު ކުރާ ތިންކް އެސޯޝިއޭޓްގެ މެނޭޖިން ޑިރެކްޓާ އަދީލް އިސްމާއިލް މިއަދު ވިދާޅުވީ އެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށާއި ދިވެހި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި ފަހަރުގެ އެކްސްޕޯ ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގައި ޖެނުއަރީ މަހު 29، 30 ،31ގައި ކަމަށެވެ.

"މިދިޔަ އަހަރާ ހިލާފަށް މިއަންނަ އަހަރު އަޅުގަނޑުމެން މިބާއްވަނީ ތަންކޮޅެއް ސުކޭލް ބޮޑުކޮށްލައިގެން، ދަރުބާރުގޭގައި ވެސް މައިހޯލް ނަގާފައި މުޅި ދަރުބާރުގޭގައި ބޭއްވޭ ގޮތަށް. އަދި ވަރަށް ބޮޑެތި ހައުސިން ޕްރޮޖެކްޓްތަކެއް ފެށިގެން ދާތީވެ އެ ބޭފުޅުންނަށް އެ ޕްރޮޖެކްޓްތައް ފީޗާ ކުރާނެ ގޮތަކާއި އަދި ހައުސިން ފައިނޭންސްގައި މިއުޅުއްވާ ބޭންކްތަކަށް ފުރުސަތުދިނުމާއި ހަމައެކަނި ކޮންސްޓުރަކްޝަން އެކަންޏަށް ވުރެ ބޮޑަށް އެހެން އޭރިއާތަކާ އެކީ ގެނެސްދީގެން. އެ ގޮތަށް ކޮންސިއުމާސްއާ ގުޅޭގޮތަށް ކުރިއަށް ގެންދިއުން،" އަދީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ބޭރުގެ ފަރާތްތައް ފެއާގައި ބައިވެރިވާ މިންވަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި އާ ޕްރޮޑެކްޓްތައް ބާޒާރަށް ނެރުމުގެ އިތުރުން ތަފާތު ޕްރޮޑެކްޓްތަކާ ބެހޭ މައުލޫމާތް މިފަހަރު ވެސް ލިބެން ހުންނާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އެ ފެއާގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 30 ވަރަކަށް ކުންފުނިން 60 އަށް ވުރެ ގިނަ ސްޓޯލް ބައިވެރިކޮށްފައިވެ އެވެ.