ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި އެމްއެންޑީއެފްގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ބުދަދުވަހަށް ޝެޑިއުލްކޮށްފި އެވެ.

ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ އެ ދެބޭފުޅުންގެ މައްސަލަ ވެސް ޝެޑިއުލްކޮށްފައި ވަނީ އަންނަ ބުދަދުވަހަށް ކަމަށެވެ.

"ތަލްހަތު އިބްރާހިމް ކަލޭފާނާއި މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ބުދަ ދުވަހަށް ވަނީ ޝެޑިއުލްކޮށްފައި،" ލަތީފާ ވިދާޅުވި އެވެ.

އޭގެތެރެއިން އެއް ބޭފުޅެއްގެ ޝަރީއަތް ބާއްވަން ހަމަޖައްސާފައި ވަނީ ބުދަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ކަމަށާއި އަނެއް ބޭފުޅާގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައި ވަނީ 5:00 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޮލްހަތުގެ ޝަރީއަތަށް ޝެޑިއުލް ކުރުމުން އޭނާ އެ ޝަރީއަތަށް ހާޒިރުވާނަންތޯ "ސަން އޮންލައިން" އިން ސުވާލުކުރުމުން ތޮލްހަތު ވަނީ "ތިވާހަކަ ދެއްކެއް ނެތް" ކަމަށް ވިދާޅުވެ ފޯނު ކަނޑުއްވާލައްވާފަ އެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ތޮލްހަތާއި ޒިޔާދުގެ މައްޗަށް ވެސް ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ގެ މައްޗަށް ވެސް އެ ދައުވާ ކުރެ އެވެ. ނަމަވެސް އަދި އެ ދެ ބޭފުޅުންގެ މައްސަލަ ޝެޑިއުލް ކުރި ކަމެއް އަދި އެނގިފައެއްނުވެ އެވެ. އެ މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު އޮތް ނަމަވެސް ނަޝީދު އެ ޝަރީއަތަށް ހާޒިރުވެފައެއްނުވެ އެވެ.