ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބައްދުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ކުރާ ޖީނާއީ ދައުވާއާ ގުޅިގެން "ހުރިހާ ފަރާތްތަކުން" ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް ނަޝީދު ގޮވާލައްވައިފި އެވެ.

ހުޅުމާލޭ ކޯޓްގައި ނަޝީދުގެ މައްޗަށް ޕީޖީން ކޮށްފައިވާ ދައުވާއާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުމަށް މިއަދު ހަވީރު 4:00 ޖަހާއިރަށް ކޯޓަށް ވަޑައިގަތުމަށް ނަޝީދަށް ޗިޓް ފޮނުވާފައި ވަނިކޮށް، އެމްޑީޕީގެ ވައުދުގެ ދަތުރުގައި ފުރައިވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ "ޝަރީއަތެއް" ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ޝަރީއަތް ކުރާނެ ކަމަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށްކޮށްފައިވާ ދައުވާއާ ގުޅިގެން ކޯޓްގެ ހުއްދައަކާ ނުލައި މާލޭން ނުފުރުމަށް ނަޝީދަށް އަންގާފައިވަނިކޮށް، މިއަދު ދަތުރު ކުރައްވަނީ ކޯޓްގެ ހުއްދަ ލިބިގެންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ނަޝީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ނަޝީދު އެ ސުވާލުގެ ޖަވާބުގައި ވިދާޅުވީ ކޯޓްތައް އިސްލާހު ކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ އެވެ.

"އަޅުގަނޑު ނުދެކެން މިއީ ޝަރީއަތެއް ކަމަކަށް ވެސް އަދި މި ޝަރީއަތް ކުރާނެ ކަމަކަށް ވެސް. އަޅުގަނޑު މިދެކެނީ މިކަމުގައި ދެވަނަ ވިސްނުމަކަށް ހުރިހާ ފަރާތަކުން ވެސް ވަޑައިގަންނަވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކަމުގެ ސަބަބުން އަސަރުކޮށްފާނެ ކަމެއްތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ "އިންތިހާބަކަށް އަސަރެއް ކުރަންވީ އެއްވެސް ސަބަބެއް" ނެތް ކަމަށެވެ.

ޕީޖީ އޮފީހަށް އެތައް މައްސަލަތަކެއް ހުށަހެޅިފައިވާއިރު، ހަމައެކަނި އެމަނިކުފާނުގެ މައްސަލަ ޝަރީއަތަށް ފޮނުވާފައިވާ ކަމަށް އިޝާރާތްކޮށް ނަޝީދު ވިދާޅުވީ އެ ދައުވާގެ ޝަރީއަތް ހިންގުމަށް ވަކިން ކޯޓެއް ހައްދަވައި ވަކި ފަނޑިޔާރަކު އެ ކޯޓަށް އައްޔަން ކުރުމުން އިސާފެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް އިންސާފު ހޯދައިދެވޭނީ އެ ކަންކަން އިސްލާހުކޮށްގެން ކަމަށެވެ.

"ދެން ހަމަ ކުއްލިޔަކަށް އަޅުގަނޑުމެންގެ މައްޗަށް މިހުރިހައި ކަންތައްތައް އެކަނި ވަކިން ނަންގަވާފައި، ވަކިން ކޯޓެއް ހައްދަވާފައި، ވަކިން އަނެއްކާ ފަނޑިޔާރުން ހޯއްދަވާފަ، މިގޮތައް ބިނާ ކުރީމާ އަޅުގަނޑުމެންނަކަށް ނުފެނުނު އޭގެއިން އިންސާފެއް ލިބިދާނެ ތަނެއް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވައުދު ދަތުރުގައި މިއަދު ހަވީރު ފުރާވަޑައިމިގަތީ އެމަނިކުފާނާ ގުޅޭގޮތުން ކޯޓުގައި ހުރި މައްސަލަތަށް ނިމެންދެން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ވަޑައިނުގަތުމަށް އަންގާފައިވަނިކޮށެވެ. އެމްޑީޕީން ބުނެފައިވަނީ ނަޝީދު މިއަދު ކޯޓަށް ހާޒިރުވެ ވަޑައިނުގަތީ ކޯޓުތަކުގެ ނިންމުންތައް ބަލައި ނުގަތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި އެގޮތަށް ތަބާވުމުގެ ގޮތުން ކަމަށެވެ.