01 Oct 2012, 17:19
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ގާނޫނާ ހިލާފް އަމަލުތަކެއް ކޮށްފައިވާ ކަމަށް ބުނެ ވަޒީފާ އިން ވަކިކޮށްފައިވާ އިރު އޭނާ ކުރީ ގާނޫނާ ހިލާފް ކޮން އަމަލެއް ކަމެއް ފުލުހުން ބުނެދީފައި ނުވާ ކަމަށް ހަމީދު ގާނޫނީ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވެއްޖެ އެވެ.
ވަޒީފާ އިން ވަކި ކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް ހަމީދު ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑު އެހުމުގައި ހަމީދުގެ ގާނޫނީ ވަކީލް ވިޝާމް ވިދާޅުވީ ހަމީދު ވަޒީފާ އިން ވަކިކުރުމަށް ފަހު ފޮނުވާފައިވާ ލިޔުމުގައި ހަވާލާދީފައި ވަނީ ގާނޫނީ މާއްދާތަކަކާ ކަމަށާއި އެހެން ނަމަވެސް ކޮށްފައި ވަނީ ކީއްކަމެއް ލިޔުމުގައި ބުނެފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް ވަޒީފާ އިން ވަކި ކުރުމުގެ ކުރިން ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައި އަނގަބަހުން ފުލުހުން ހަމީދަށް އަންގާފައިވާ ބައެއް ނުކުތާތަކަށް ހަމީދުގެ ގާނޫނީ ވަކީލް ޝަރީއަތުގައި ވަނީ ރައްދު ދެއްވައިފަ އެވެ.
އެގޮތުން ފެބްރުއަރީ 8 ވަނަ ދުވަހު ހިނގާފައިވާ ކަންތައްތަކާ ގުޅޭ މައުލޫމާތުތަކެއް އާންމު ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށް ބުނާ އިލެކްޓްރޯނިކް ފައިލްތަކެއް ހަމީދު އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވާތީ ވިޝާމް ވިދާޅުވީ އެ ވާހަކަތައް ގައުމީ ސަލާމަތަށް ނުކުރައްކާ ވަނީ ކީއްވެކަން ފުލުހުނަށް ބުނެ ދެވިފައިނުވާ ކަމަށެވެ.
ވިޝާމް ވިދާޅުވީ ހަމީދު އަތުން ފެނިފައިވާ އިލެކްޓްރޯނިކް ފައިލްތަކަކީ ހަމީދު ޒިންމާނަގަން ޖެހޭނެ އެއްޗެހިތަކެއް ނޫން ކަމަށެވެ. އަދި ހަމީދު ހާމަ ކުރި މައުލުމާތަކީ ދައުލަތުގެ މަސްލަހަތާ ގުޅިފައިވާ ސިއްރު މައުލޫމާތުތަކެއް ކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުނަށް ބުނެދެވިފައިނުވާ ކަމަށް ވިޝާމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ދައުލަތުގެ ވަކީލް ވިދާޅުވީ ހަމީދު ގާނޫނާ ހިލާފް އަމަލެއް ކޮށްފައިނުވާކަން ސާބިތުކޮށްދޭން ޖެހޭނީ އޭނާ ކަމަށާއި ގާނޫނު ވަކި މާއްދާތައް އަންގާފައިވާ އިރު އެ މައްދާތަކަށް ހިލާފް ނުވާކަން ހަމީދު ބުނެދޭން ޖެހޭނެ ކަމަށެވެ.
މިއަދު ޝަރީއަތުގައި ހަމީދުގެ ގާނޫނީ ވަކީލް ވަނީ ފުލުހުންގެ އޮފިސަރެއްގެ އައިޑެންޓިޓީ ސިއްރު ކުރުމަށް ފަހު ހެކިންގެ ގޮތުގައި ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.
މިއަދު ޝަރީއަތް ގާޒީ ނިންމަވާލެއްވީ އައިޑެންޓިޓީ ސިއްރުކުރުމަށް ފަހު ފުލުސް އޮފިސަރު ކޯޓަށް ހާސިރުކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. ދެން އެ މައްސަލައިގެ ޝަރީއަތް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.