ފަރުވާއެއް އަދި ހޯދިފައިނުވާ އަރިދަފުސް ރޯގާ ޖައްސާ މުޅިން އާ ވައްތަރެއްގެ ވައިރަހެއް ދެނެގަނެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ސެންޓާ ފޮ ކޮމިއުނިޓީ ހެލްތު އެންޑް ޑިސީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން މިދިޔަ މަހުގެ 22 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ އަރިދަފުސް ރޯގާ ޖައްސާ ކޮރޯނާ ވައިރަހުގެ މުޅިންއާ ވައިރަހެއްގެ ޒަރީއާ އިން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ދެނެގަނެ ކަށަވަރު ކުރެވިފައި ވާތީ އެ ޖަމިއްޔާގެ ފަރާތުން ހުރިހާ މެމްބަރު ގައުމުތަކުގެ ސަމާލުކަމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ގެނެސްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން ރިޕޯޓުކޮށްފައިވާ މި ބަލިފެނިފައިވާ ގަތަރުގެ ރައްޔިތަކީ ސައުދީ އެރޭބިއާ އާއި ގަތަރުގައި ދަތުރުކޮށްފައިވާ ފަރާތެކެވެ. އެ މީހާގެ ގައިން އެ ބަލީގެ އަލާމާތްތައް ފެނިފައި ވަނީ ސެޕްޓެމްބަރު މަހު ތިނެއްގަ އެވެ. ސީސީއެޗްޑީސީން ބުނީ އިނގިރޭސިވިލާތުގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓެސްޓުތަކަށް ފަހު މި އަހަރުގެ ކުރީކޮޅު ނެދަލޭންޑްގެ ޔުނިވަސިޓީއެއްގެ މެޑިކަލް ސެންޓަރަކުން އެ ބައްޔާ އެއްގޮތް ބައްޔެއް ސައުދީ އަރަބިއާ އަށް ނިސްބަތްވާ މީހެއްގެ ފަރާތުން ވެސް ފެނިފައިވާ ކަމަށް މައުލޫމާތު ހާމަކޮށްފައިވާ ކަމަށެވެ. އެ ދެ ބަލި މީހުން ވެސް މިހާރު މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ.

އަލަށް ފެނިފައިވާ، ނޭވާލުމުގެ ނިޒާމަށް ޖެހޭ އެ ބައްޔަކީ 2003 ވަނަ އަހަރު ފެނިފައިވާ ސާސް އާ އެއްވައްތަރު ބައްޔަކަށް ނުވި ނަމަވެސް ބަލިޖެހުނު ދެ މީހުންގެ ހާލަތަށް ބަލާ އިރު އެ ބަލީގައި ވަރަށް އަވަހަށް ހާލުދެރަވެ ފުރާނަދިއުމަށް ދިމާވާތީ ބައްޔާ ބެހޭ ފުރިހަމަ މައުލޫމާތު ދެނެގަތުމަށާއި އެކަމާ ބެހޭ މައުލޫމާތު ފުޅާކޮށް ދިނުމަށް ސިއްހަތު ޖަމިއްޔާ އިން މަސައްކަތް ކުރަމުންދާ އަންނަ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ހޯދިފައި ހުރި ހޯދުންތަކުން މިބައްޔަކީ ގައިން ގަޔަށް ފަސޭހައިން އަރާ ބައްޔެއްކަން ފާހަގަކުރެވިފައިނުވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. އަދި މިހާތަނަށް ހޯދިފައި ހުރި ހޯދުންތަކުން އެ ބަލިފެތުރޭކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާތީ އާއި ބަލި ކަށަވަރުކުރެވުނު ދެ މީހުން ފިޔަވައި އިތުރު ބައެއްގެ ފަރާތުން އެ ބަލި އަދި ފެނިފައި ނުވާތީ ސައުދީ އަރަބިޔާ އާއި ގަތަރަށް ދަތުރުކުރުމުގައި މައްސަލައެއް ނެތް ކަމަށް ޑަބްލިޔުއެޗްއޯ އާއި ހަވާލާދީ ސީސީއެޗްޑީސީން ބުންޏެވެ.

އަދި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްވަރު މައްކާގައި ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސައުދީއާ އެކު ޑަބްލިޔުއެޗްއޯ އިން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.