01 Oct 2012, 16:35
މިހާރަކު އަހަރެމެންނަކީ އުޑެއްބުޑެއް ނޭނގި ނުކިޔަވައި ތިބިބައެކޭ ނުބުނެވޭނެ ކަން ޔަގީން ކުރެވެއެވެ. ފާސްތަކާއި ތަޖުރިބާއާއި ނެތްބައެއް ނޫންކަން ކަށަވަރު އެބަ ވެއެވެ. ދުނިޔޭގެ އެތަން މިތާނގައި އަހަރެމެން ދިވެހިން ތަފާތު މަގާމުތަކުގައި އުޅެވޭތީއެވެ. ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ތަފާތު ފަންނުތަކުގައި ދިވެހިން ފާހަގަ ކުރެވޭ ކަމަށްޓަކައެވެ. އިސްކޫލުގައި ކިޔަވަމުންދާ ކުދިންވެސް ދުނިޔޭގެ ވަނަތަކުގައި ހިމެނޭ ކަމަށްޓަކައެވެ.
ކަންމިހެންހުރި އިރު އަހަރެމެންގެ ސިކުނޑިތަކުގައި ދުނިޔޭގެ އެހެން މީހުންގައި ހުންނަ ގޮތް ތަކާއި ކަންތައްތައް ހުންނަން ވާނެއެވެ. އެފަދަ ވިސްނުމާއި ފިކުރުތައް ކުރެވެން ޖެހޭނެއެވެ. އަދިވަކިން ފާހަގަ ކޮށްލަންޖެހޭ ގޮތުގައި އަހަރެމެން ގަބޫލުކުރާ އަހަރެމެންގެ ދީނުގައި އަމުރުއައިސްފައިވާ ކަންތައްތައް ވާންވާނީ އަހަރެމެންގައި ކޮންމެހެން ހުންނަންޖެހޭ އަހަރެމެންކުރާ ކަންކަމަށެވެ. ވީއިރު މިފަދަ ކޮންމެކަމަކީ ހޯދައިބަލައި އުނގެނި ދަސްކޮށް އެކަންކަމަށް އަހުލުވެރި ވާންޖެހޭ މަޖުބޫރު ކަންކަމެވެ.
ވިސްނާލަންޖެހޭ މިފަދަ އެއްކަމަކީ އުފަންވެ އުޅެބޮޑުވާ ނުވަތަ އުޅެބޮޑުވި ފަސްގަނޑުދެކެ ލޯބިވުމެވެ. އެކުގައިއުޅެން ދިމާވެފައި ވާ އެއްމެންނާއި އެކު އެއްބައިވެގެން އުޅުމެވެ. އެހެންގޮތަކަށް ބުނާނަމަ ވަޒަންދެކެ ލޯބިވުމެވެ. އެއްމެ އާއްމު އިބާރާތަކުންނަމަ ގައުމުދެކެ ލޯބިވުމެވެ. މިކަމަކީ މުޅިދުނިޔޭގެ އެއްމެންހެން ގަބޫލު ކުރާ ނުހަނު ބޭނުންތެރި އެހާމެ މަޖުބޫރުކަމުގައި އެއްބަސްވެވޭ ކަމެކެވެ. އެމީހަކަށާއި އެމީހެއްގެ އާއިލާ އާއި އެކުވެރި ރައްޓެހިން ނަށާއިއެކު މުޅިއެއްމެންނަށް ފައިދާތަކެއް ކުރާކަމެކެވެ. ގައުމަށް ކުރިއެރުމާއި ތަނަވަސް ކަން އިތުރުވެ ތަރައްގީވުމުގެ މިންގަނޑު ބިނާވެފައި އޮންނަނީ އެގައުމެއްގެ މީހުންގައި ގައުމުދެކެ ލޯބިވުން ހުންނަ މިންވަރެއްގެ މައްޗަށްކަން ސާބިތު ކުރެވެއެވެ.
ސުވާލަކީ މިހާރު އަހަރެމެންގައި މިކަންހުރީ ކިހާވަރަކަށްބާވައެވެ. ކިޔަވައި ތަންދޮރު އޮޅުންފިލައި މިޒަމާނަށް ލޯހުޅުވިފައި ތިބިކަމަށް އަމިއްލަޔަށްވެސް ގަބޫލުކޮށް އެވާހަކަބުނެލައި ހަދާއިރު މިސުވާލުގެ ޖަވާބު ގައި ބުނެވެން އޮތީ ކީކޭ ބާވައެވެ. ޖަވާބެއް ހޯދޭނީ މިކަމަކީ (ގައުމުދެކެ ލޯބިވުމަކީ ކޮބައިކަމާއި އެލޯބީގައި ކުރަންޖެހޭ ކަމަކީ) ކޮބައިކަން އެނގިގެންނެވެ.
ގައުމުދެކެ ލޯބިވުމަކީ ތަފާތުގޮތަކަށް ތިލަކޮށް ބުނާނަމަ ގައުމީކަންކަމުގައި އަމިއްލައެދުން ނުގެން ގުޅުމެވެ. ބައެއް ބަސްބަހުގެ ބަސްފޮތުގައި މިއީ އެހެން ގައުމުތަކަށް ވުރެ ތިމާގެ ގައުމު މޮޅުކުރުން ކަމުގައި ބުނެދެއެވެ. ކޮންމެ އިބާރާތަކުން ކޮންމެ މާނައެއް ކުރާކަމުގައި ވިޔަސް ގައުމުދެކެ ލޯބިވުމަކީ ކުރިންބުނިހެން ގައުމުގެކުރިއެރުމާއި ތަރައްގީއަށް ތިމާ ތަންދިނުމެވެ. ހުރިހާގޮތަކުންނެވެ. އެފަދަ ކޮންމެކަމެއްގައިމެ ގައުމުގެ ފައިދާއާއި ގައުމަށް ރަނގަޅުގޮތް ކުރިޔަށްނެރެ އެކަމުގައި ތިމާގެ އަމިއްލަ ފައިދާއާއި މޮޅު، ގުރުބާން ކުރަން ޖެހުނަސް އެގޮތަށް އެކަން ކުރުމެވެ. އަހަރެމެން މިތިބި ހިސާބުގައިވެސް އެހެން ގައުމުތަކަށް ވުރެ މި ދިވެހި ގައުމު ކުރި އެރުވުމުގެ މަސައްކަތް ކުރުމެވެ. މިހާރު ކުރެވެންހުރި ކަންކަން މިހާރު ކޮށްގެންނެވެ. އަމިއްލަ ފައިދާއަށް ނުބަލައި ގައުމަށް ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް ކަންކޮށްގެންނެވެ. އެކަމަކީ ތިމާ އަނެކާގެ ކުރިމަތީގައި ދެރަނުވާން ނުއުޅެ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ގޮތްދޫކޮށް ސުލްހަވުން ކަމުގައިވިޔަސް ވެހެވެ. ގައުމުދެކެ ލޯބި ވުމަކީ މައިގަނޑުގޮތެއްގައި މިއީއެވެ.
މިގޮތުން ބަލާއިރު ސުވާލުގެ ޖަވާބުގައި ބުނެވެން އޮތީ ކީކޭކަން އެއްމެންނަށް ވެސް އެނގޭނެއެވެ. އަހަރެމެންގެ ސަގާފީ އެއް އާދަޔަކީ " އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ " ލެއްވުމެވެ. ރަނގަޅަށް އޮޅުންފިލަން ނެތް ކުރީގެ ދުވަސްތަކާއި ކައިރިފަސްމަގުގެ ދައުރުތަކުންވެސް އެނގޭވަރަކަށް އެނގެންއޮތީ މިހަގީގަތެވެ. ހަމަ މިހާރު މިއަދެކޭވެސް ވަކި ތަފާތެއް ނެތި ކަމުގައި ބުނެވިދާނެއެވެ. ފަސްމަގުގެ ދިވެހިންގެ ތެރޭގައިވެސް އުޅުނު ފާހަގަކުރެވުނު ގިނަމީހުންނަކީ ނުވަތަ އެއްމެންނަކީ ވެސް މިބުނި ސަގާފަތާއިއެކު އުޅެ ނިމިދިޔަ މީހުން ކަން ފަތްފުށްތަކުން ދޭހަކޮށް ޔަގީން ކުރެވެއެވެ. ކިހިނެއް ކޮންގޮތަކަށްތޯ ވިސްނާލަންފަސޭހަވާނީ މިޒަމާނަށް ޖެހިލައި އަހަރެމެންގެ މިއަދުގެ ފެންވަރުގައި މިސާލުޖަހާލިއްޔާއެވެ.
ބައެއް ރަސްކަލުން ރާއްޖޭގެ ރަށްރަށް ބޭރުގައުމުތަކަށް ވިއްކާލި ކަމަށްވެއެވެ. އަނެއް ބައި ބޭފުޅުން ވެރިކަމުގެ ދަހިވެތި ކަމުގައި ބޭރުގެ ފަރާތްތަކާއި ގުޅިގެން ރާއްޖެ ތަޅާސުންނާފަތިކޮށް ހަފުސްކުރި ވާހަކަ އެބަ އޮތެވެ. އެއާއިއެކު އެއިރުގެ ހަމަތަކާއި އުސޫލުތަކުގެ މަތީން ބާރުހުރި މީހާޔަށް ނުވަތަ ވެރިމީހާޔަށް ހަމަކޮންމެ ރަނގަޅު ފައިދާހުރި ކަމެއްގައި އޮންނަނީ ކާފަޔަށް މަހުގެ އުސޫލެވެ. ރަށެއްގައި ނަމަ އެއްމެ މުއްސަނދި އަދި ބާރުވެރި މީހަކަށް ވަނީ އެއިރަކު ވެރިޔަކަށް ހުންނަ މީހެކެވެ. އެކިދުވަސްވަރު އެކިނަންކީ ކަމުގައި ވިޔަސް ކަން އޮތީ އެއްގޮތަކަށް ކަން އެނގެއެވެ. ކަންއެހެން އޮތުމުގެ ނަތީޖާއަކަށް ވާނީ އިތުރު ތަނަވަސްކަމެއް އެރަށަކަށް ނުވަތަ އެތަނަކަށް ގެނައުމުގެ މާބޮޑުބޭނުމެއް ވެރިމީހާގައި ނެތުމެވެ. އިންސާނީ ސިކުނޑިއަކުން ވިސްނާ އިރު އެކަންވާނީވެސް އެހެންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންހިނގަމުން އައީ މިގޮތަށެވެ.
ދެން މިހާރެވެ. އެގޮތް ކަމުނުދާތީ، ހަމައެކަނި ވެރިން ފައިދާ ހޯދާތީ، އެތަންފެންނަ ބަޔަކަށް އެކަން ބޮޑުވެގެން އާއުސޫލުތަކަކާއި ގޮތްތަކެއް މިއޮތީ ދުނިޔޭގެ ތެރެއަށްނެރެ ފަތުރާފައެވެ. އެއީ ވެރިކަމުގައި ހުންނަމީހާ އެކަނި ފޮނިކޮޅުބޯތަން ދެކެން ކެތްނުވެގެންނެވެ. މި އާ ގޮތުގައި ވެރިކަމުގައި އެތައްބަޔަކު ތިބެން ޖެހެއެވެ. ވެރިމީހާޔާއި އެކުގައެވެ. ދެރަކަމަކީ މިއުސޫލު ނެރުނު މީހުން މިކަން ކުރީ ކޮން ބޭނުމެއްގައި ކަން ވެސް އެނގޭނެ ގޮތެއްނެތް ކަމެވެ. އެއްގޮތަކީ އެނގިގެން ގަސްތުގައި ވެރިމީހާޔާއި ބައިވެރިވެގެން ފޮނިކޮޅުގެ ބަޔެއް ބުއިމުގެ ފުރުސަތު ހޯދަންކުރި ކަމަކަށްވުމެވެ. އަނެއްގޮތަކީ ރަނގަޅެއް ވެދާނެކަމުގެ އުއްމީދުގައި ކުރި ކަމެއް ކަމަށްވުމެވެ. ކޮންމެއަކަސް މި އާގޮތުގައިވެސް އާދައިގެ އާއްމުންނަކަށް ހަމަޖެހެވުމެއްނެތެވެ. ފޮނިކޮޅު ބޮއެ ހުސްކުރަން އެތިބެނީ އިސްސަފުގައި ތިބޭ ބަޔެކެވެ.
ގައުމަކީ ހަމަ އެކަނި ވެރިންނެއް ނޫނެވެ. ގައުމަކަށް ވަނީ ރައްޔިތުންނާއި ވެރިން ތިބެގެންނެވެ. ގައުމީލޯބި އެތަނެއްގައި ނެތް ކޮންމެ ގައުމަކީ ހަމަޖެހިލައިގެން އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެ ތަނެއްކަން ޔަގީނެވެ. ވަކިން ބޮޑަށް ވެރިންގައި މިލޯބި ނެތްކަމުގައިވާނަމަ ކޮންމެ ކަހަލަ އުސޫލުތަކަކާއި ގަވައިދު ތަކެއް ހެދިޔަސް ނަތީޖާއެއް ނުނެރެވޭނެ އެވެ. އަހަރެމެން އެކަންޏެއްނޫނެވެ. މުޅިދުނިޔެވެސް ތަޖުރިބާ ކުރަމުން މި ގެންދަނީ މިއަދު މިކަމެވެ. ވެރިކަމަށް އައުދެވޭ ކޮންމެ މީހަކުމެ އެމީހަކަށާއި އެމީހާގެ އާއިލާޔާއި ގާތް ތިމާގެ އެއްމެން ވެރިކަމުގައި ބައިވެރިކޮށް ފޮނިކޮޅު ބޯލަނީއެވެ. އަމިއްލަ ބައިވެރިން ތަކެއް ހޮވައި އެބަޔަކާއި އެކު ގައުމުގެ ހުރިހާ ފައިދާޔަކާއި ތަނަވަސްކަމެއް ފުޅިއްސާލަނީ އެވެ. އެނގިގެން ފެނިގެން ރޯމާ ދުވާލުމެންދުރު ކަމުގައިވިޔަސް ހެވެވެ. ގައުމަކީ ރައްޔިތުން ވެސް އޭގައި ހިމެނޭތަނެއްކަމާއި އެރައްޔިތުން އެމީހުންގެ ފައިދާ އިތުރުކުރުމުގެ މަސައްކަތް ކުރާއިރު އެމީހުންނަށް އެހީތެރިވެދޭން ތިމާޔާއި ހަވާލުކުރި ވަޒީފާއެއްކަން ހަނދާން ކުރާކަށް ބޭނުމެއް ނުވެއެވެ. ގައުމުދެކެ ލޯބިނުވާތީ އެވެ. ލިބިފައި އޮތް ވެރިކަމުގެ ފުރުސަތުގެ ދުވަސް ތަކަށް ވުރެ ދުރަށް ކުރިމަގަށް ވިސްނާވެސް ނުލާތީއެވެ.
ކުރިމަގުގައި އެފަދަ ކޮންމެ މީހަކުހެން މި ދުނިޔެމަތީގައި ވެސް ހާލުގައިޖެހި ފޮއްތާލިތެޅެން ޖެހިފައިވާ ކަން ހަމަގައިމު އެނގޭނެވެސް މެއެވެ. ފަހުން އަދި އެޔަށްވުރެ ކަންބޮޑުވެ ގޮތްހުސްވާނެ ވާހަކަވެސް އަޑުނީވިއެއް ހަމަގައިމު ނުހުންނާނެ އެވެ. މިކަން އެނގުނަސް މިއަޑު އެހިޔަސް އަމިއްލަ އެދުމާއި ވަގުތީ އުފަލުގައި ހޭބުއްދި ފިލުވާލެވޭތީ ވާނުވާ ހަމަނޭނގެނީ އެވެ. އެވަރަށް ނުވިސްނޭތީ ހަމަހޭވެރިކަމުގައި ތިމާޔަށް ފައިދާހުރިގޮތާއި ސަލާމަތްކަން ހޯދަން އުޅޭނެކަން ޔަގީނެވެ. ހެޔޮގޮތާއި ހެޔޮވިސްނޭނަމަ ވެރިކަމުގައިހުންނަ އެއްވެސް ވެރިޔަކު ހުއްޓާނުލައި އަބަދާއި އަބަދު ބައިވެރިން އެއްކޮށްގެން "ލައްގަޅޭދުއާ" ކުރުމުގައި ޑޮލަރުން ފެންވަރާ ހުވަފެން ދެކޭކަށް ނުއުޅޭނެއެވެ.
ލައްގަޅޭ! ލައްގަޅޭ! ލައްގަޅޭ!
ލައްގަޅޭ ލައްގަޅޭ! ހަމަމިއަތަށް ލައްގަޅޭ! ޕާޓީއަށް ލައްގަޅޭ!