މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރި މިންވަރަށްވުރެ މިހާރު އެ ރޭޓު ދަށަށް ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، މާކެޓުގައި ޑޮލަރުގެ ރޭޓު އަދި ހުރީ ހުންނަންޖެހޭ މިންގަނޑެއްގައި ނޫން ކަމަށެވެ. ނަމަވެސް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސްވަރު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ވަރަށް ބޮޑަށް އުފުލިފައި ކަމަށެވެ. އެހެންނަމަވެސް، މިހާރު ލިބޭ މަޢުލޫމާތުތަކަށް ބަލާއިރު އެ ރޭޓަށްވުރެ އަގު ދަށްކުރެވިފައިވާ ކަމަށާއި މިއީ އިގްތިޞާދީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ވިޔަފާރިވެރިންނާއި، ޚާއްސަކޮށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި، މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އަރުވާ ކަމަށެވެ.

ކަޅު ބާޒާރުގެ ރޭޓްތަކަށް ބަލާއިރު މިހާރު ޑޮލަރުގެ އަގު ހުރީ 19.30ރ. ގެ ރޭޓުގައެވެ. މިއީ 2023ވަނަ އަހަރުގެ ފަހުކޮޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ހުރި މިންވަރެވެ.

ޑޮލަރުގެ އަގު

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31ގައެވެ.

އެ އިސްލާހުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15 މިލިއަނުން 25 މިލިއަން ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް، ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު އެ ގާނޫނުން ވަނީ އުނިކޮށްފައެވެ.

ގެސްޓްހައުސް ހިމެނޭ ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.