ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތަށް އެމަނިކުފާނު ހާޒިރުވެވަޑައި ނުގަތުމުން ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ޝަރީއަތް އަޑުއަހަން ނަންނޯޓް ކުރި އާންމުންނާއި ނޫސްވެރިން ވެސް މިއަދު 4:15 އެހާކަންހާއިރު ޖަސްޓިސް ބިލްޑިންގުގެ ތިރީގައި ހުރި ނަޝީދުގެ ޝަރީއަތް ހިންގުމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ވެއްދި އެވެ. ނަމަވެސް އޭގެ 15 ވަރަކަށް މިނެޓް ފަހުން ހުޅުމާލޭ ކޯޓުގެ ކޯޓު އޮފިސަރު ވިދާޅުވީ ނަޝީދުގެ ޝަރީއަތަށް ހާޒިރުވެވަޑައިނުގަތުމުން މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވާކަމަށެވެ.

"ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައި ނުވާތީ މިއަދުގެ ޝަރީއަތް ކެންސަލްވީ،" ކޯޓު އޮފިސަރު ވިދާޅުވި އެވެ.

ޝަރީއަތް އަޑުއަހާ މީހުން ޝާރީއަތް ކުރާ ކޮޓަރިއަށް ވައްދާފައި ވަނީ ޝަރީއަތަށް މީހުން ވައްދާއިރު ވެސް އަދި އެއާޕޯޓުން ފުރާ ފަސިންޖަރުން ވެސް ޗެކްނުކުރާ ވަރަށް ޗެކްކުރުމަށް ފަހު އެވެ. އަދި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ސްޕެޝަލް ޕޮރޮޓެކްޝަން ގްރޫޕްގެ ސިފައިން ވެސް ޖަސްޓިސް ބިލްޑިންގެ އެތެރެ އާއި ޝާރީއަތް ކުރާ ކޮޓަރި ތެރޭގައި ވެސް ތިއްބެވެ.

ނަޝީދު މިއަދު ޝަރީއަތަށް ހާޒިރުވެވަޑައިނުގަތް އިރު ކޯޓުތަކުން ކުރާ ހުކުމްތައް ބަލައި ނުގަތުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

ޝަރީއަތަށް ވަޑައިގަތުމުގެ ބަދަލުގައި ނަޝީދު ވަނީ އެމްޑީޕީން ދެކުނުގެ އަތޮޅުތަކަށް މިއަދު ފެށި "ވައުދުގެ ދަތުރުގައި" ފުރާވަޑައިގެންފަ އެވެ.

ފުރައިވަޑައިގަތުމުގެ ކުރިން ޓީޖެޓީ ސަރަހައްދުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާގެ މައްޗަށް ޝަރީއަތެއް ކުރާކަމަށް ގަބޫލުނުކުރަައްވާ ކަމަށާއި އަދި ޝަރީއަތް ބޭއްވިދާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާކަމަށެވެ. އަތޮޅުތެރެއަށް ވަޑައިގަންނަވަނީ ހުޅުމާލޭ ކޯޓުގެ ހުއްދަ ހޯއްދަވައިގެން ތޯ ތަކުރާރުކޮށް އެއްސެވުމުން ވެސް އެ ސުވާލަށް ޖަވާބު ނުދެއްވާ ނަޝީދު ވިދާޅުވީ ކޯޓުތައް އިސްލާހު ކުރަންޖެހޭ ކަމަށެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކު ނަޝީދު މާލޭން ފުރުއްވިއިރު ހުޅުމާލޭ ކޯޓުގެ ހުއްދަނެތި މާލޭން ބޭރަށް ވަޑައިގަތުން ނަޝީދަށް ވަނީ އެ ކޯޓުން މަނާކޮށް އެންގުމެއް އަންގާފަ އެވެ.