01 Oct 2012, 16:04
ކާބުލް (އޮކްޓޯބަރ 1): އަފްޣާނިސްތާނުގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ޚޯސްތުގައި ޕެޓްރޯލްކުރަމުން ދިޔަ ނޭޓޯ އާއި އަފްޣާން ސިފައިންގެ ގުޅިފައިވާ ފައުޖަކަށް ތާލިބާނުން ދިން ވަރުގަދަ ޙަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ އިތުރުބަޔަކު ޒަޚަމްވެއްޖެ އެވެ.
އަފްޣާން އަމްނާބެހޭ ދާއިރާތަކުން ބުނި ގޮތުގައި ނޭޓޯ އާއި އަފްޣާން ސިފައިންގެ ގުޅިފައިވާ ބާރެއް ޚޯސްތު ސިޓީގައި ޕެޓްރޯލް ކުރަމުން ގެންދަނިކޮށް އެމީހުންނަށް ޙަމަލާދިނީ މޮޓޯ ސައިކަލެއްގައި ކުއްލިއަކަށް އައި މީހަކު އަމިއްލައަށް މަރުވެގެންނެވެ. މިހަމަލާގައި ނޭޓޯ ސިފައިންގެ ދެތިން މީހުންނާއި އަފްޣާން ސާލާމަތީ ބާރުތަކުގެ ހަތަރު މީހުންނާއި ޢާންމުންގެ 10 މީހުން މަރުވިކަމަށާއި 60 އެއްހާ މީހުން ޒަޚަމްވި ކަމަށް އަފްޣާން އަމްނާބެހޭ ދާއިރާތަކުން ބުނެ އެވެ.
ތާލިބާނުން ވަނީ މިޙަމަލާގެ ޒިންމާ އުފުލާފަ އެވެ. ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ ޒަބީޙުﷲ މުޖާހިދު ވިދާޅުވީ ޚޯސްތު ސިޓީގައި ދިން ޙަމަލާގައި އެމެރިކާ ސިފައިންގެ އަށް މީހުންނާއި އަފްޣާން ސަލާމަތީ ބާރުތަކުގެ ހަ މީހުން މަރުވި ކަމުގައެވެ. ނޭޓޯ އިންވެސް ވަނީ އެ ޖަމާއަތަށް ނިސްބަތްވާ ސިފައިންގެ ތިން މީހަކު މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް މިއީ ކޮން ޤައުމެއްގެ ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދެއްގައި އަފްޣާން ސިފައިންގެ މީހަކު އިއްޔެ ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެފައިވެ އެވެ. މިޙާދިސާއަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާ ސިފައިން ދިން ޙަމަލާތަކެއްގައި އަފްޣާން ސިފައިންގެ ދެ މީހަކު ވެސް މަރުވި އެވެ.
އަފްޣާން ސިފައިންގެ ބައެއް މީހުން ގަސްދުގައި ބަޑިން ޙަމަލާދީ އެމެރިކާ ސިފައިން މަރަމުންގެންދާ މައްސަލަ އެމެރިކާ އަށް ވަނީ ވަރަށް ބޮޑުވެފަ އެވެ. މިއަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް އަފްޣާން ސިފައިންގެ މީހުން ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މިކަމުގެ ސަބަބުން އެމެރިކާ ސިފައިން ގެންދަނީ އަފްޣާން ސިފައިންނާ މުޢާމަލާތްކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ފަސްޖެހެމުންނެވެ. (އަލްޖަޒީރާ)