ފްރާންސާއި އިޓަލީ 2006 ވަނަ އަހަރު ކުޅުނު ވޯލްޑްކަޕް ފައިނަލްގައި ޕްރާންސްގެ މަޝްހޫރު ކުޅުންތެރިއާ ޒައިނައްދީން ޒިދާނާއި އިޓަލީގެ ކެޕްޓަން މާކޯ މަޓަރާޒީ އާއި ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ޒިދާން މަޓަރާޒީ މޭމަތީ ބޮލުން ޖަހާ މަންޒަރު ދައްކުވައިދޭ މޮނިއުމަންޓެއް ޕެރިހުގައި ބަހައްޓައިފި އެވެ.

އެ ދުވަހުގެ މެޗުގައި ޒިދާން، މަޓަރާޒީގެ މޭނަތީގައި ބޮލުންޖަހާ ދަނޑު މައްޗަށް މަޓަރާޒީ ވައްޓާލީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އަދި އެދުވަހު ރެފްރީ ވަނީ ޒިދާންއަށް ރަތް ކާޑު ދައްކާ ވަގުތުން ދަނޑު ފޮނުވާލައިފަ އެވެ.

މިދެކުޅުންތެރިންނަށް ނިސްބަތްކޮށް ޕެރިހުގައި ބެހެއްޓި މޮނިއުމަންޓުގެ ބޮޑު މިނުގައި 16 ފޫޓް ހުރެ އެވެ. އަދި މިމޮނިއުމަންޓް ބެހެއްޓުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެސަރަހައްދަށް އެއްވެފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަލްޖީރިއާގެ އާޓިސްޓެއް ކަމަށްވާ އާދިލް އަބްދުއްސަމަދުގެ އިރުސާދުގެ ދަށުން ފަރުމާކޮށްފައިވާ މިމޮނިއުމަންޓު ހެދުމަށް ގިނަ ވަގުތު އޭނާ ހޭދަކޮށްފައި ވާއިރު، ޕެރިހުގެ މަސްހޫރު ބައެއް ނޫސްތަކުގެ ފަލަސުރުހީގައި ވެސް މިއަދު ވަނީ އެ މޮނިއުމަންޓުގެ ވާހަކަތަކެވެ.

ޒިދާންގެ ފުޓްބޯޅަ ކެރިޔާ، އޭނަ ނިންމާލީ ވެސް އެދުވަހުގެ މެޗަށްފަހު އެވެ. އެ ފަހަރުގެ ވޯލްޑްކަޕް ޕެނަލްޓީ ޖަހައިގެން ފުރާސްގެ މައްޗަށް ކުރި ހޯދީ އިޓަލީ އެވެ.

ފްރާންސުގެ ކާންސް އިން 1988 ވަނަ އަހަރު ފުޓްބޯލަ ކުޅެންފެށި، ޒިދާން ވަނީ ފްރާންސްގެ ބޯޑޯ އާއި އިޓަލީގެ ޔުވެންޓަސް އަދި ރެއާލް މެޑްރިޑުގައި ވަރަށް ކާމިޔާބު ކެރިއަރެއް ހޭދަކޮށް، އެ ކުލަބްތަކަށް ގިނަ ގުނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ދެހާސް ހަ ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު ޒިދާންއަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން، ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ މިހާތަނަށް މަސައްކަތްކުރަމުން އައީ ކްލަބް ކެރިއަރުގައި އެންމެ ފަހުން ކުޅުނު ރެއާލް މެޑްރިޑުގަ އެވެ.

ޒިދާންގެ ފުޓްބޯޅަ ކެރިއަރުގައި އޭނަ ވަނީ ފްރާންސާ އެކު 1998ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފްރާންސްއަށް ކާމިޔާބު ކޮށްދީފަ އެވެ.