މިރޭ އިރާކޮޅު މާފަންނު ގެއަކަށް ވައްކަން ކުރަން ވަން މީހަކު އަތުލައި ގަތުމުން ދުވެފައި ގޮސް އެހެން ގެއަކަށް ވަދެ އެގޭގައި ތިބި ކުޑަ ދެކުއްޖަކަށް ބިރު ދައްކައި އެ ދެކުދިން ކިޑްނެޕް ކުރުމަށް ފަހު ސަލާމަތްވާން މަސައްކަތްކޮށްފި އެވެ.


މިރޭ ގާތްގަނޑަކަށް 9:00 ޖަހާކަންހާއިރު ހިނގި މި ހާދިސާގައި  ވައްކަން ކުރަން އުޅުނު މީހާ ބިރުދެއްކި ދެ ކުދިންގެ ބައްޕަ އަލްމީރިޔާ އަހުމަދު ފަޒާލް ބުނީ އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅާއި ހަތް އަހަރުގެ ފިރިހެން ދަރިފުޅު ގޭގެ ސިޓިން ރޫމުގައި ތިއްބާ އެ މީހާ ވަދެ އެ ކުދިންނަށް ބިރު ދެއްކުމަށް ފަހު ގޮވައިގެންދާން އުޅުނީކަމަށެވެ. އޭނާ ބުނީ އޭނާ އުޅޭ ގޭގެ  ކައިރީގައި ހުރި މ. މާލެ ގަމަށް ވަދެ  ވައްކަން ކުރަން އުޅެނިކޮށް ފަޅާ އެރުމުން ދުވެފައި އައިސް އޭނާ އުޅޭ ގެއަށް އެމީހާ ވަދެ އޭނާގެ ކުދިން ހިފަހައްޓައިގެން ދާން އުޅުނީ ކަމަށެވެ.


"އަޅުގަނޑުގެ ދެ ކުދިން ފާޑަކަށް ކިޑްނެޕް ކޮށްގެން އުޅެނިކޮށް އޭނާ ވައްކަން ކުރަން އުޅުނު ގޭގެ މީހުން ފުލުހުންނާ އެކު އައިސް އަތުލައިގަތީ. އޭނާ އުޅުނީ އަޅުގަނޑުގެ ދެ ކުދިން ހަތިޔާރަކަށް ހަދައިގެން ފިލަން. އަޅުގަނޑު މިހާރު މީނީ ފުލުހަށް ރިޕޯޓް ކުރުމަށް ފުލުހުންގެ ކުޑަކުދިންގެ ޔުނިޓްގައި" ފަޒާލު ބުންޏެވެ.


އޭނާ ބުނީ މި ހާދިސާއާ ގުޅިގެން އޭނާގެ ދެބެން ވެސް ތިބީ ވަރަށް ބޮޑަށް ބިރުގަނެ ނަފުސާނީ ޝޮކެއްގެ ތެރޭގައި ކަމަށެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ދެންމެ ވިދާޅުވީ އެފަދަ ހާދިސާއެއްގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށެވެ.