13 Sep 2026, 22:13
ދ. ކުޑަހުވަދޫގައި އަމިއްލަ ކުންފުންޏަކުން ހިންގާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ފަށާނީ ޕްރޮމޯޝަނަކުން ކަމަށާއި އެގޮތުން އެއް ކޮޅަށް ޓިކެޓެއްގެ އަގަކީ 1،111 ރުފިޔާ ކަމަށް އެ އެއާލައިނުން މިއަދު އިއުލާންކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި އެ އެއާލައިނުން މާލެއާއި ކުޑަހުވަދުއާ ދޭތެރޭ ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އަދި މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްލިކޭޝަނާއި އޮފީސްތަކާއި ސޭލްސް ޗެނަލްތައް މެދުވެރިކޮށް މިއަދު ފެށިގެން ކުޑަހުވަދޫގެ ޓިކެޓްތައް ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި މާލެ ސަރަހައްދާއި ކުޑަހުވަދުއާ ދެމެދު ދަތުރުތައް ފަށަނީ ދ. އަތޮޅާ ދެމެދު ދަތުރުފަތުރު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ. އޭގެ ސަބަބުން ތައުލީމީ، ސިއްހީ އަދި ވަޒީފާގެ ބޭނުންތަކަށް ދަތުރުތައް ކުރުމަށް ފަސޭހަވާނެ ކަމަށް އެ އެއާލައިނުން ފާހަގަކުރިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން، ދ. އަތޮޅުގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ފައިދާވާނެ ކަމަށް މޯލްޑިވިއަންއިން ފާހަގަކުރިއެވެ.
މޯލްޑިވިއަންއިން ކުޑަހުވަދުއަށް ދަތުރުތައް ފެށުމާއެކު، އެ އެއާލައިނުން ދަތުރުކުރާ އެތެރޭގެ އެއާޕޯޓުތަކުގެ އަދަދު 18އަށް އިތުރުވާނެއެވެ.
ކުޑަހުވަދޫ އެއާޕޯޓަކީ މަންތާ އެއާއިން ހިންގަމުން އަންނަ އަދި އެއާލައިންގެ ހަބުގެ ގޮތުގައި ބޭނުންކުރާ އެއާޕޯޓެކެވެ. އެ އެއާލައިންގެ އޮޕަރޭޝަންސްއަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ކުންފުނިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މަންތާ އެއާގެ ޑޮމެސްޓިކް ދަތުރުތައް މި ފަހުން މަދުކޮށްފައިވާއިރު، މޯލްޑިވިއަންއިން އަންނަނީ މަންތާއިން އެދިގެން ކުޑަހުވަދުއަށް ޗާޓަރު ދަތުރުތަކެއް ކުރަމުންނެވެ. ކުޑަހުވަދޫ އެއާޕޯޓަކީ އެ އަތޮޅުގެ މަތީ ފަންތީގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށާއި، މާލެއާއި އަތޮޅާ ދެމެދު ދަތުރުކުރާ ދިވެހީންނަށް ވަރަށް މުހިންމު އެއާޕޯޓެކެވެ.