13 Sep 2026, 22:21

ޒުވާން ޚަތީބުންނަކީ މުސްތަގުބަލުގައި ދިވެހި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް ކަމަށް ވިދާޅުވެ، އެ ކަމާ ހަވާލުވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޚަތީބުންނަށް މިރޭ އިލްތިމާސްކުރައްވައިފިއެވެ.
ޚަތީބުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އިސްލާމް ދީނަށް ޚިދުމަތް ކުރުމަކީ ޒުވާނުންގެ އުފަލެއްކަން ދިވެހި ތާރީޚުންނާއި އިސްލާމީ ތާރީޚުން ފެންނަން އެބަ އޮތް ކަމަށެވެ.
މިގޮތުން، ރާއްޖެ އިސްލާމްވިތާ މިއަދަށް 900އަހަރު ފުރުނިއިރު، އުފާވަނީ ދީން ކުރިއެރުވުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާތީ ކަމަށާއި އެ ކަމުގައި ޒުވާނުންގެ ދިރުމާއި އަޒުމު ވާތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ޚަތީބުންނަކީ، މީހުންނަށް މަގުދައްކައިދޭ ބައެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އުއްމީދަކީ މުސްތަގުބަލުގައި އެ ޚަތީބުން ރާއްޖޭގެ އިލްމުވެރިންނަށް ވުން ކަމަށެވެ.
ޚަތީބުންނަށް އިޝާރަތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މުޖުތަމައުގެ ސިކުނޑި އީމާންކަމުގެ ނޫރުން އުޖާލާކުރުމުގައި ޒުވާންކަމުގެ އުޖާލާކަމުގެ ދޯދިތައް އިންތިހާއަށް މުހިންމުވާނެ ކަމަށެވެ.
ހަތްސަތޭކައަށްވުރެ ގިނަ ޒުވާން ޚަތީބުން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި، ރައީސް ވަނީ، ޒުވާން ޚަތީބުންނަކީ މުޅި ރާއްޖެ އިސްލާމީ ވެއްޓަށް އަލިކަން ދޭނެ ދަންމަރުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޒުވާން ޚަތީބުންނަކީ، މުސްތަގުބަލުގައި ދިވެހި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަން ކުރާނެ ހެޔޮލަފާ އެދުރުންތަކެއް. އަޅުގަނޑުގެ އިލްތިމާސަކީ މި މަސްއޫލިއްޔަތާ ޒުވާނުން ހަވާލުވުންރައީސް ޑރ. މުޙައްމަދު މުއިއްޒު
ޒުވާން ޚަތީބުން ދުލުން ދޭ ނަސޭހަތާއި އަމަލުން ދައްކާ ސުލޫކާ އެއްގޮތެއްގައި ތިބުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.