ރާއްޖެ އަށް ލިބޭ ގިނަ ފައިސާ ދަނީ ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ކަމަށާއި އެތައް މިލިއަން ޑޮލަރެއް ކޮރަޕްޝަން ތެރެއަށް ވަދެފައިވާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖެ ކުރިއަރުވަން ބޭނުން ކަމުގައިވާ ނަމަ ރާއްޖޭގައި އާންމުވެފައިވާ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ކޮރަޕްޝަންގެ ތެރެއިން ނަގާފައިވާ ބަޔަކު ތިބި ނަމަ އެ މީހުން ޝަރީއަތަށް ހާޒިރުކޮށް އަދަބު ދިނުމަށް ސިޔާމް ގޮވާލެއްވި އެވެ.

"ކޮރަޕްޝަނާއި ވައްކަމުން ރައްޔިތުންގެ ފައިސާ ނެގިފައިވާ ބަޔަކު ތިބި ކަމުގައިވާ ނަމަ އެބަޔަކު މިގައުމުގެ ޝަރީއަތަށް ގެންގޮސް އެ ޝަރީއަތުގެ މަޖިލީހުން ހައްގު އަދަބު ދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ ގިނަ ފައިސާ، އަޅުގަނޑުމެންގެ ގައުމަށް ލިބޭ ގިނަ ފައިސާ މިދަނީ ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ގެބިގެން،" ސިޔާމް ވިދާޅުވި އެވެ.

އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ގެއްލުނީ ރައްޔިތުންގެ އިންތިހާބު ކުރި މަގާމުތަކުގައި ތިއްބެވި ބޭފުޅުން "ހަރާންކޯރު" ވުމުން ކަމަށެވެ. ސިޔާމް ވިދާޅުވީ އިންވެސްޓަރުނަށް ފައިސާ ހޯދޭނެ ގޮތެއް ވެސް ރާއްޖޭގައި މިހާރު ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ސިޔާމް ވަނީ ސަރުކާރުން ގެންގުޅޭ އެސްފަސްކުރުމު ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ދ. ރިނބުރޫ މީހުން އެ ރަށުން ބޭލުމަށް ސަރުކާރުން އެންގި މައްސަލަ "ހަރު އަޑުން" ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންތަކެއް ރަށަކުން ބޭލުމަށް އަންގާ އިރު ރައްޔިތުންގެ ހިޔާލު ނުހޯދާ ކަމަށާއި އަދި އެ ރައްޔިތުން ބަދަލުވާނެ ރަށެއް އަދި އެ ރައްޔިތުންނަށް ލިބޭނެ އެއްޗެއްގެ ވާހަކައެއް ވެސް ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ. އަދި ނުވިތާކަށް އެ ދާއިރާގެ މަޖިލިސް މެންބަރަށް އަންގާލުމެއް ނެތި މި ސަރުކާރުގެ ވަޒީރުން އަމަލު ކުރަމުންދާ ކަމަށެވެ.

"ދ. އަތޮޅު ރިނބުދޫ ރަައްޔިތުން ވެސް އެއްވެސް ޝަރުތެއް ނެތި އެ ރަށުން ފޭބުމަށް ވަނީ އަންގާފައި. އަދި މުސްތަގުބަލުގައި އެ ރަށަކީ ބަދަލުވާނެ ރަށެއް ކަމަށް ވަނީ އަންގާފައި. އެހެންނަމަވެސް އެ މީހުންނާ ވާހަކަ ދެއްކުމެއް ނެތި އެ މީހުންނަށް ލިބެނީ ކޯއްޗެއްތޯ ބެލުމެއް ނެތި އެ މީހުން ދަނީ ކޮން ރަށެއް ކަމެއް ނޭނގި ރެފިއުޖީންތަކެއްގެ ގޮތުގައި މަގުމައްޗަށް ދޫކޮށްލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.