ރާއްޖެ ޓީވީއަށް ފުލުހުން އެއްބާރުލުން ދޭން ނިންމި ނިންމުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަރުހަބާ ކިޔައިފި އެވެ.

ފުލުހުންގެ ނިންމުމަށް މަރުހަބާ ކިޔައި މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައަށް ހައްލެއް ގެނައުމަށް އެ ކައުންސިލުން ފުޅާ ދާއިރާއެއްގައި ފުލުހުންނާ އެކު މަޝްވަރާކުރި ކަމަށާއި ފުލުހުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ރޫހެއް ފެނުނު ކަމަށެވެ. އަދި ބުނެފައި ވަނީ މީޑިއާ ކައުންސިލްގެ ވަަފުދު ފުލުހުންނާ ބައްދަލު ކުރި އިރު، ކޮމިޝަނާ ރަށުގައި ނޫޅުއްވާ ކަމަށާއި ކޮމިޝަނާ ވަޑައިގަތްހާ އަވަހަކަށް ފުލުހުންގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ނިންމާ ގޮތެއް އާންމު ކުރާނެ ކަމަށެވެ.

"ކޮމިޝަނާ އޮފް ޕޮލިސް ރާއްޖެ ވަޑައިގަތީ 27 ސެޕްޓެމްބަރު 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ކޮމިޝަނާ މާލެވަޑައިގެންނެވުމަށް ފަހު އެހާ އަވަސްމިނެއްގައި މީޑިއާ ކައުންސިލާއި ފުލުހުންނާ ދެމެދު މަޝްވަރާ ކުރެވުނު ކަންކަމުގެ ރޫހުގައި ރާޢްޖެ ޓީވީ އަށް އެއްބާރުލުން ދެއްވުމަށް ފުލުހުން ގޮތެއް ނިންމެވީތީ މީޑިއާ ކައުންސިލުން މި ފުރުސަތުގައި އެކަން ފާހަގަ ކުރަމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންނާ އެކު ކުރި މަޝްވަރާތަކުގައި ފުލުހުން ކަންބޮޑުވުން ފާހަގަކޮށްފައި ވަނީ ރާއްޖެ ޓީވީން ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސިން އިން ބޭރުން ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ އިރު އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ތަކުރާރުކޮށް ހުށަހެޅުމުން ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިވާ ނުވާ މައްސަލަ ކަމަށެވެ.

އެކަމާ ގުޅިގެން ބްރޯޑްކާސްޓް ކޮމިޝަނުން މަރުހަބާ ދަންނަވައި ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ޤާނޫނު އަސާސީންނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ތަރަހައިގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަން ހަމަހަމަކަމާއި ޒިންމާދާރު ގޮތެއްގައި އެންމެ ފުޅާ ދާއިރާއަކަށް ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ.

ފުލުހުންގެ އެ ނިންމުމަށް މަރުހަބާ ކިޔައި އެމްޖޭއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ ޖަމިއްޔާ އިން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީޑިއަމަކަށް ވެސް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ބައެއްގެ ޕޮލިސީ ނުވަތަ ހިޔާލުތަފާތު ވުމަކީ އެ ބަޔަކު ބާކީ ކުރުމަށް އޮތް މަގެއް ކަމުގައިވެގެންވާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ނުދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޖޭއޭގެ ބަޔާނުގައި އަދި ބުނީ ފުލުހުންގެ އެ ނިންމުން ނިމުމަކަށް ގެނައުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި މަސައްކަތް ފާހަގަކޮށް ރާއްޖޭގައި މިނިވަން މީޑިއާއަކަށް އޮތް ދޮރު އެގޮތުގައި ބޭއްވުމަށް އެ ދެ މުއައްސަސާ އިން ކުރި މަސައްކަތް ފާހަގަކޮށް މަރުހަބާ ކިޔާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނެފައި ވަނީ މީޑިއާއަށް ލިބިގެންވާ މައުލޫމާތާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރާ އިރު ރައްޔިތުންގެ އިތުބާރު ހިފޭ ތެދު ވާހަކަތައް ފެތުރުމަށެވެ.

ފުލުހުންގެ މުއައްސަސާއާ މެދު ރުޅިވެރިކަން އުފެދޭ ގޮތަށް ދޮގު ހަބަރުތައް ފަތުރާ ކަމަށް ބުނެ ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލި ރާއްޖެ ޓީވީ އަށް އެއްބާރުލުން ދޭން ފުލުހުން ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި ރާއްޖެ ޓީވީން ފުލުހުންނާ ގުޅޭ ގޮތުން ގެނެސްދިން ޚަބަރާއި މަޢުލޫމާތުތައް ގެނެސްދިނުމުގައި ކުރިއާ ޚިލާފަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމުގެ އުސޫލުތަކާއި ހަމަތައް އެ ސްޓޭޝަނުން ހިފަހައްޓަމުން އަންނަ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ފުލުހުން ބުނެ އެވެ.