01 Oct 2012, 14:33
ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިއެއްގެ ގައިގައި ފުލުހަކު ފައިން ޖެހިކަމުގެ ތުހުމަތުގައި އެ ފުލުސް މީހާގެ މައްޗަށް ދައުލަތުން ކުރި "މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ" އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ކަނޑައެޅީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ޕޮލިސް ސާޖެންޓް، ފ. ނިލަންދޫ ޖަނަވަރީމަގޭ އަލީ އަހުމަދުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާގެ ވަކީލު އާދަމް އާސިފް ނެންގެވި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ނިންމި އިޖުރާއި ނިންމުމުގައި ބުނަނީ އަލީ އަހުމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ސީޣާއަށް ބެލުމުން އެ ދައުވާ އަކީ ގދ. ފަރެސްމާތޮޑާ، ގަނދަކޯޅިގޭ މުހައްމަދު ނިޔާޒުގެ ގައިގައި އޭނާގެ ފައިން ތަޅާ މާރާމާރީ ހިންގުމުގެ ސަބަބުން ކޮށްފައިވާ ދައުވާއެއްކަން އެނގޭ ކަމަށެވެ. އަދި އެ ދައުވާ އަކީ އަލީ އަހުމަދު މީހަކަށް އިންޒާރުދީ ނުވަތަ ބިރުދައްކައިގެން ނުވަތަ ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅެގެން ނުވަތަ އެފަދަގޮތަކަށް މާރާމާރީ ހިންގައިގެން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އެއް ނޫންކަމަށް ނިންމުމުގައިވެ އެވެ.
އެހެންކަމުން ގާނޫނީ އުސޫލުތަކަށާއި ހަމަތަކަށް ބަލާއިރު މީހަކު ކުރި އަމަލަކާ ގުޅޭގޮތުން އެކަމާބެހޭ ޚާއްސަ ގާނޫނެއް އޮއްވާ އެއާ ގުޅުން ހުރި ކަމަށް މާނަކުރެވޭ އެހެން ގާނޫނުތަކަށް ހަވާލާދީގެން ދައުވާ ނުކުރެވޭނެ ކަމަށް ޝަރީއަތަށް ބުރަ ވެވޭތީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ކަނޑައެޅޭނީ ކްރިމިނަލް ކޯޓުގެ އިޖުރާއި ނިންމުން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.