އައްޑޫ ގަން އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތަކަށް އަޅާނުލެވިއްޖެ ނަމަ އެ އެއާޕޯޓް ނެތިގެން ހިނގާދޭނެ ކަމަށް ބުނެ އެކަންތައްތައް ރަނގަޅު ކުރުމުގެ ގޮތުން އައްޑުއަށް ނިސްބަތްވާ ބަޔަކު ކޮމެޓީއެއް އެކުލަވާލައި އެކަންތައްތައް ހައްލުކުރަށް ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމުގެ މަސައްކަތް ފަށައިފި އެވެ.

"އައްޑޫ ޑިވެލޮޕްމެންޓް ކޮމިޓީ" ނަމުގައި މި މަހު އެކުލަވާލައި މަސައްކަތް ފަށާފައިވާ ކޮމެޓިއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމެޓިގައި އިސްކޮށް އުޅުއްވާ އަދި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރައްވާތާ 23 އަހަރު ވެފައިވާ އިބްރާހިމް ހަމީދު ވިދާޅުވީ ގަމު އެއާޕޯޓަކީ 1976 އިން ފެށިގެން ސަރުކާރަށް ލިބިފައިވާ ވަރަށް ބޮޑު އެސެޓެއް ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ 30 އަހަރު އެ އެއާޕޯޓްގެ ރަންވޭ އެއްވެސް ވަރަކަށް މަރާމާތުކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑު ހަދާން ހުރޭ މީގެ 20 އަހަރު ކުރިން ފެށިގެން ކޮންމެ މަހަކު ގަމުގެ އެއާޕޯޓުން ފޮނުވާނެ ރިޕޯޓެއް. ގަމުގެ އެއާޕޯޓަކީ މާލޭގައި އޮންނަ ގޮތަށް ތާރުއަޅަފައިވާ ތަނެއް ނޫން. ކޮންކްރިޓް ސުލެބެއް އަޅާފައި ދެމެދަށް މިހުންނަނީ ކޮންޕައުންޑެއް އަޅާފައި. އެއީ އެންމެ ފުރަތަމަ ގަމުގައި އެއާޕޯޓް އިނގިރޭސިން ހެދި އިރު ވެސް އޮތްގޮތް. މިދަންނަވާ ކޮންޕައުންޑް ހަލާކުވެގެން ނެއްޓެމުންދާ ވާހަކަ ކޮންމެ މަހަކު ރިޕޯޓްގައި އޮންނާނެ. އެކަމަކު މިއަދާ ހަމައަށް ނެތޭ އެ މަސައްކަތް ހައްލުކުރެވިފައެއް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ކުންފުއްޏެއް މެދުވެެރިކޮށް ހަދާފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެ އެއާޕޯޓް އެކަށީގެންވާ މަރާމާތެއް ނުކޮށްފި ނަމަ މިހާރު އެއާޕޯޓް ބޭނުންކުރާ މިންވަރަށް ވެސް އެއާޕޯޓް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ދޭތެރެދޭތެރެއިން މިވާހަކަ އާލާކުރެވޭ. އަދި ކޮންމެވެސް ވަރެއްގެ އުންމީދުތަކެއް ދެވި ހާއްސަކޮށް ސަރުކާރުގެ ބައެއް އިސްބޭފުޅުން ވަޑައިގެން މިވެނި ދުވަހަކަށް މިކަން ނިމޭނެއޭ ނުވަތަ އެއާޕޯޓް ތަރައްގީކުރެވޭނެއޭ އެ ވާހަކަ ވިދާޅުވޭ. މިސަރުކާރުގެ އިސްބޭފުޅުން ވެސް ޓޫވިޓާގައި ވިދާޅުވި 2013 ވަނަ އަހަރު އަންނަ އިރު ގަމުގެ އެއާޕޯޓް ތަރައްގީވެ ހިނގަންފަށާނެއޭ. އެކަމަކު އަމަލީ ގޮތުން އަޅުގަނޑުމެނަށް މިހާރު ލިބިފައިވާ މައުލޫމާތަކީ އެކަން މިހާރު ހުއްޓިފައިވާ ކަމަށް،" ހަމީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ އެއާޕޯޓަކީ އެ ސަރަހައްދުގެ ރައްޔިތުނަށާއި މުޅި ރާއްޖެ އަށް ވެސް ވަރަށް މުހިންމު އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓުގެ މަސައްކަތް ހުއްޓިއްޖެ ނަމަ އައްޑޫގެ ޓޫރިޒަމް އާއި އެހެން ޕުރޮޖެޗްޓްތައް ހުއްޓިގެން ދާނެ ކަމަށެވެ.

އައްޑޫ ޑިވެލޮޕްމެންޓް ކޮމިޓީން ބުނީ އެއާޕޯޓްގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އެޕޮއިންޓް މަންޓެއް ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.

އައްޑޫ ގަމު އެއާޕޯޓާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް އައްޑުއަށް ނިސްބަތްވާ ބަޔަކު ކޮމެޓީއެއް އެކުލަވާލާފައިވާ އިރު ގަން އެއާޕޯޓް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިތުރުން އެސްޓީއޯ ގުޅިގެން އުފައްދާފައިވާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ވިޔަފާރިވެރިޔާ ޗަންޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ކުންފުންޏަކަށް، 60 މިލިއަން ރުފިޔާ އަށް ވިއްކާލަން ނިންމައި އެ އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތެއް ވަނީ ފައްޓައިފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެ މަޝްޜޫއު ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިތުރުން އެސްޓީއޯ ގުޅިގެން އުފައްދާފައިވާ، ކޮންސޮޓިއަމްގެ 30 ޕަސެންޓް ވިއްކުމަށް ހުޅުވާލީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ 200 މިލިން ރުފިޔާގެ އިކްއިޓީއެއް ފުރަތަމަ ރެއިސް ކުރުމަށް ކަމަށެވެ.

އަދި ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަންޓް ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރައުންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކޮށް، އެއާޕޯޓް ތަރައްގީ ކުރުމަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށެވެ.